ސަރުކާރުން ޚިޔާލު ފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަމަށް ދޭ އަހަމިއްޔަތުކަން މިރޭ ފެނިގެން ގޮސްފައިވާ ކަމަށް، ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.
އިދިކޮޅު އެމްޑީޕީން މިރޭ ގިނަ އަދަދެއްގެ ބަޔަކާއެކު މާލޭގައި "ފުދިއްޖެ ފުނޑިއްޖެ" ނަމުގައި ބޮޑު ހިނގާލުމެއް ބާއްވާފަ އެވެ.
އެ އެއްވުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހީނާ ވިދާޅުވީ މިރޭ އިދިކޮޅު ފަރާތްތަކުން ބޭއްވި ރެލީގައި ޤާނޫނު ތަންފީޒުކުރާ ފަރާތްތައް ތިބުމަކީ، މި ސަރުކާރުން ޤާނޫނު އަސާސީގައި ކަށަވަރުކޮށްދީފައިވާ ޙައްޤުތައް ކަމަށްވާ، އެއްވެއުޅުމުގެ މިނިވަންކަމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ދޭ އަހައްމިއްޔަތުކަމުގެ ހެއްކެއް ކަމަށެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތަކީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ރައްކާތެރިކޮށް ކަށަވަރުކުރުން ކަމަށް ހީނާ ވިދާޅުވި އެވެ.
އެމްޑީޕީން މިރޭ މާލޭގައި ބޮޑު ހިނގާލުމެއް ބޭއްވި، ރައްޔިތުންގެ މަޖިލީހުން ދާދިފަހުން ކުއްލި ގޮތަކަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހުތަކާއި ގުޅިގެންނެވެ.
މަޖިލީހުން ގާނޫނު އަސާސީއަށް ގެނައި އިސްލާހުތަކުގެ ގެތެރޭގައި ހިމެނެނީ ސަރުކާރުން ވަނީ ޕާޓީ ބަދަލުކުރުމުން މަޖިލިސް މެމްބަރުންގެ ގޮނޑި ގެއްލޭ އިސްލާހަކާއި، ރައްޔިތުންގެ މަޖިލީހުގެ ރުހުން ނެތި ރާއްޖޭގައި ބޭރު ސިފައިންނަށް ނުތިބެވޭ ގޮތް ހެދުމުގެ އިސްލާހެވެ. އަދި ރާއްޖޭގެ ސަރަހައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ މަޖިލީހުގެ މެމްބަރުންގެ މަދުވެގެން ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން ކަމަށް ހެދުމުގެ އިސްލާހު ވަނީ ގާނޫނު އަސާސީ އަށް ގެނެސްފަ އެވެ.
އެމްޑީޕީން މީގެކުރިން ވަނީ "ގާނޫނުއަސާސީގެ ދިފާއު" ގެ ނަމުގައި މާލޭގައި ބޮޑު ޖަލްސާއެއް ވެސް ބާއްވާފަ އެވެ.