މިއީ އަނިޔާވެރި ސަރުކާރެއް ކަމަށާއި، މި ސަރުކާރު ބަދަލުކުރާނެ ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ގިނަ އަދަދެއްގެ ބަޔަކާއެކު އެމްޑީޕީން ރޭ މާލޭގައި ބޭއްވި "ފުދިއްޖެ ފުނޑިއްޖެ" ރެލީގައި ވާހަކަދައްކަމުން ޝާހިދު ވިދާޅުވީ މި ސަރުކާރުން އިތުރަށް އަނިޔާވެރި ނުވެ ފަހަތަށް ޖެހެންޖެހޭ ކަމަށާއި ރައްޔިތުން އެ އަޑަކުން މިއަދު ގޮވާލަމުން އަންނަނީ "ފުދިއްޖެ" ކަމަށެވެ.
"މި ދިވެހިރާއްޖޭގެ އަނިޔާވެރި ސަރުކާރު ބަދަލުކުރާނަން، ފަހަތަށް ޖައްސާނަން،" ޝާހިދު ވިދާޅުވި އެވެ.
މި ރެލީގައި ވާހަކަދައްކަމުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވަނީ މި ސަރުކާރު ބަދަލުވަންދެން ނޫނީ މި ސަރުކާރު ހަމަ މަގަށް އެޅުވެންދެން ސިލްސިލާ ގޮތެއްގައި މުޒާހަރާތައް ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވެފަ އެވެ.
އެމްޑީޕީން ރޭ މާލޭގައި ބޮޑު ހިނގާލުމެއް ބޭއްވީ، ރައްޔިތުންގެ މަޖިލީހުން ދާދިފަހުން ކުއްލި ގޮތަކަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހުތަކާއި ގުޅިގެންނެވެ.
މަޖިލީހުން ގާނޫނު އަސާސީއަށް ގެނައި އިސްލާހުތަކުގެ ގެތެރޭގައި ހިމެނެނީ ސަރުކާރުން ވަނީ ޕާޓީ ބަދަލުކުރުމުން މަޖިލިސް މެމްބަރުންގެ ގޮނޑި ގެއްލޭ އިސްލާހަކާއި، ރައްޔިތުންގެ މަޖިލީހުގެ ރުހުން ނެތި ރާއްޖޭގައި ބޭރު ސިފައިންނަށް ނުތިބެވޭ ގޮތް ހެދުމުގެ އިސްލާހެވެ. އަދި ރާއްޖޭގެ ސަރަހައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ މަޖިލީހުގެ މެމްބަރުންގެ މަދުވެގެން ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން ކަމަށް ހެދުމުގެ އިސްލާހު ވަނީ ގާނޫނު އަސާސީ އަށް ގެނެސްފަ އެވެ.
އެމްޑީޕީން މީގެކުރިން ވަނީ "ގާނޫނުއަސާސީގެ ދިފާއު" ގެ ނަމުގައި މާލޭގައި ބޮޑު ޖަލްސާއެއް ވެސް ބާއްވާފަ އެވެ.