އިދިކޮޅު އެމްޑީޕީން އުޅެނީ ވެރިކަމުން ބޭލުމުން ހަޖަމް ނުވެގެން ކަމަށް، ބާރަށު ދާއިރާގެ ޕީއެންސީ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.
ގިނަ އަދަދެއްގެ ބަޔަކާއެކު އެމްޑީޕީން ރޭ މާލޭގައި ބޭއްވި "ފުދިއްޖެ ފުނޑިއްޖެ" ހިނގާލުމާ ގުޅިގެން ޝުޖާއު ވިދާޅުވީ، ޤާނޫނު އަސާސީގެ ދިފާއުގައި ކަމަށް ބުނެ އެމްޑީޕީން ހަދަނީ ދޮގު ކަމަށެވެ.
".ވެރިކަމުން ބޭލީމަ ތިއުޅެނީ ހަޖަމު ނުވެގެން. ދިވެހި ރައްޔިތުންނާއި މިޤައުމު ފުޑާލާފައި އޮތީ ތިބޭފުޅުން،" ޝުޖާއު ވިދާޅުވި އެވެ.
ޝުޖާއު ވަނީ ހައްޤުވެރިން އަތުން ފްލެޓާއި ނުހައްޤުން ބިން ބަހާފައި އޮތީ ވެސް އެމްޑީޕީގެ ބޭފުޅުން ކަމަށާއި ދެންވެސް އެ ޕާޓީ ބަލިކުރާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.
އެމްޑީޕީން ރޭ މާލޭގައި ބޮޑު ހިނގާލުމެއް ބޭއްވީ، ރައްޔިތުންގެ މަޖިލީހުން ދާދިފަހުން ކުއްލި ގޮތަކަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހުތަކާއި ގުޅިގެންނެވެ.
މަޖިލީހުން ގާނޫނު އަސާސީއަށް ގެނައި އިސްލާހުތަކުގެ ގެތެރޭގައި ހިމެނެނީ ސަރުކާރުން ވަނީ ޕާޓީ ބަދަލުކުރުމުން މަޖިލިސް މެމްބަރުންގެ ގޮނޑި ގެއްލޭ އިސްލާހަކާއި، ރައްޔިތުންގެ މަޖިލީހުގެ ރުހުން ނެތި ރާއްޖޭގައި ބޭރު ސިފައިންނަށް ނުތިބެވޭ ގޮތް ހެދުމުގެ އިސްލާހެވެ. އަދި ރާއްޖޭގެ ސަރަހައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ މަޖިލީހުގެ މެމްބަރުންގެ މަދުވެގެން ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން ކަމަށް ހެދުމުގެ އިސްލާހު ވަނީ ގާނޫނު އަސާސީ އަށް ގެނެސްފަ އެވެ.
އެމްޑީޕީން މީގެކުރިން ވަނީ "ގާނޫނުއަސާސީގެ ދިފާއު" ގެ ނަމުގައި މާލޭގައި ބޮޑު ޖަލްސާއެއް ވެސް ބާއްވާފަ އެވެ.