ދެ ކައިވެނި ވެސް ރޫޅިފައިވާ ބޮލީވުޑްގެ މަޝްހޫރު ތަރި، އާމިރު ޚާންގެ ހަޔާތަށް އާ ބައިވެރިޔަކު އައިސްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ
މީޑިއާތަކުން ބުނީ 59 އަހަރުގެ އެކްޓަރު މިހާރު ހައިދަރުއާބާދުގެ މީހަކާ ޑޭޓްކުރަމުން އަންނަ ކަމަށާއި އާއިލާ އަށް ލޯބިވެރިޔާ ތައާރަފުކޮށް ދީފައިވާ ކަމަށެވެ. ނަމަވެސް އެ މީހާއާ ގުޅޭ އެއްވެސް ތަފުސީލެއް މީޑިއާތަކުން ހާމައެއް ނުކުރެ އެވެ.
އެކަމަކު ގިނަ މީޑިއާތަކުން ބުނީ އާ ބައިވެރިޔާއާ މެދު އާމިރު ވަރަށް ސީރިއަސް ކަމަށެވެ.
އޭނަ އާ ލޯބިވެރިޔަކު ހޯދިކަމުގެ އަޑުތަކެއް އަރާފައި މި ވަނީ މިހާރުގެ އުމުރަށް ބަލާ އިރު، ދެން ބައިވެރިޔަކު ހޯދުން ފަސޭހަ ކަމަކަށް ވެސް ނުވާނެ ކަމަށާއި ދެން ކައިވެންޏެއްކޮށްފާނެކަމާ މެދު މިދިޔަ އަހަރު ދިން އިންޓަވިއުއެއްގައި ސުވާލު ވެސް އުފައްދާފައި ވަނިކޮށެވެ.
އާމިރުގެ ދެ ކައިވެންޏަށް ތިން ދަރިން ލިބިފައިވެ އެވެ. އެގޮތުން ފުރަތަމަ އަންހެނުން ރީނާ ދައްތާއާ 2001 ގައި ވަކިވި އިރު، އެ ކައިވެންޏަށް ދެ ދަރިން ލިބިފައިވެ އެވެ. އެއީ މިހާރު ފިލްމު ވެސް ކުޅެމުން އަންނަ ޖުނައިދު ޚާން، 31، އާއި މިދިޔަ އަހަރު ކައިވެނި ކޮށްފަވާ އިރާ ޚާން، 27، އެވެ.
އާމިރާއި ޑައިރެކްޓަރު ކިރަން ރާއޯ 2005 ގައި ކުރި ކައިވެނި 2021 ގައި ރޫޅައިލާ އިރު، ލިބިފައިވާ ދަރިފުޅު އާޒާދު ރާއޯ ޚާނަށް މިހާރު 13 އަހަރެވެ.
ދެ ކައިވެނި ރޫޅުނު ނަމަވެސް ކުރީގެ ދެ އަނބިންނާއި އާމިރާ ދެމެދު އަބަދު ވެސް ވަރަށް ގާތް ގުޅުމެއް އޮވެ އެވެ.
އާމިރާއި ކިރަން ވަކިވި ދުވަސްވަރު، ޒުވާން ބަތަލާ ފާތިމާ ސަނާ ޝައިހާއި އާމިރު ކައިވެނި ކުރަން އުޅޭކަމުގެ އަޑުތަކެއް ވެސް އެރި އެވެ. އެ ދެ މީހުން އެކީގައި ދެ ފިލްމެއްގެ މަސައްކަތްކޮށްފައިވެ އެވެ. އެއީ 2016 ގެ "ޑަންގަލް" އާއި 2018 ގެ "ތަގްސް އޮފް ހިންދުސްތާން" އެވެ.
"ޑަންގަލް" ގައި ފާތިމާ، 33، އަކީ އާމިރުގެ ދަރިއެކެވެ.