Last Updated: February 18, 21:58
Tuesday, February 18, 2025
މުނިފޫހިފިލުވުން

އިބްރާހީމްގެ ފިލްމު ޕޯސްޓަރު ދައްކާލައިފި

އެކްޓަރު ސައިފް އަލީ ޚާންގެ ދޮށީ ފިރިހެން ދަރިފުޅު، ދަރިފުޅު އިބްރާހީމް އަލީ ޚާންގެ ފުރަތަމަ ފިލްމު "ނާދާނިޔާ" ގެ ޕޯސްޓަރު މިއަދު ދައްކާލައިފި އެވެ.

ނެޓްފްލިކްސް އިން ގެނެސްދޭން ހަމަޖެހިފައިވާ މި ފިލްމަކީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ ވެބް ކޮންޓެންޓް ގޮފި، ދަރުމެޓިކް އެންޓައިންމަންޓަށް އާ ޑައިރެކްޓަރު ޝައުނާ ގޯތަމް ހަދާފައިވާ ރޮމޭންޓިކް ކޮމެޑީއެކެވެ. ހުޝީ އާއި އިބްރާހީމް ހިމަނައިގެން ގެނެސްދިން "ލޯބި" ޕޯސްޓަރާ އެކީ ބުނީ "ނާދާނިޔާ" ވަރަށް އަވަހަށް ނެޓްފްލިކްސް އިން ޕްރީމިއާކުރާނެ ކަމަށެވެ.

މި ފިލްމުގެ އިތުރުން އިބްރާހީމް އޮތީ ދަރުމާގެ އެހެން ފިލްމެއްގެ މަސައްކަތް ވެސް ނިންމައިފަ އެވެ. އެއީ އެކްޓަރެއްގެ ގޮތުގައި އޭނަ ކުޅުނު ފުރަތަމަ ފިލްމު "ސަރްޒަމީން" އެވެ. އެކްޓަރު ބޮމަން އިރާނީގެ ދަރިފުޅު ކެޔޯޒް އިރާނީ ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ ކާސްޓްގައި ކާޖޮލް އާއި ޕްރިތުވީރާޖް ސުކްމަރަން ވެސް ހިމެނެ އެވެ.

ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވާ މި ފިލްމު ރިލީޒްކުރާނެ ތާރީހެއް ދަރުމާ އިން އަދި ހާމައެއް ނުކުރެ އެވެ.

"ނާދާނިޔާ" އަކީ ހުޝީގެ ތިން ވަނަ ފިލްމެވެ. ކުރީގެ ބަތަލާ ސްރީދޭވީގެ ހަގު ދަރިފުޅުގެ ފުރަތަމަ ފިލްމަކީ 2023 ގައި ނެޓްފްލިކްސް އިން ގެނެސްދިން "ދި އާޗީސް" އެވެ. ހުޝީގެ ދެވަނަ ފިލްމަކީ މި މަހުގެ 7 ގައި ރިލީޒްކުރަން ހަމަޖެހިފައިވާ "ލަވްޔާޕާ" އެވެ.

އޭގެ ބަތަލަކީ އާމިރު ޚާންގެ ދަރިފުޅު ޖުނައިދު ޚާނެވެ.