Last Updated: May 6, 06:12
Tuesday, May 6, 2025
ޚަބަރު

ޓޫރިޒަމް މިނިސްޓަރަކަށް ތޯރިގް އައްޔަންކޮށްފި

ޓޫރިޒަމް މިނިސްޓަރުުގެ މަގާމަށް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމް މިއަދު އައްޔަންކޮށްފި އެވެ.

ހުސްވެފައިވާ ޓޫރިޒަމް މިނިސްޓަރުގެ މަގާމަށް އޭނަ އައްޔަންކުރީ މިއަދު މެންދުރު ފަހު ރައީސް އޮފީހުގައި އޮތް ރަސްމިއްޔާތެއްގަ އެވެ. ޓޫރިޒަމް މިނިސްޓަރަކަށް ތޯރިގް އައްޔަން ކުރީ އެންވަޔަރަންމަންޓް މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީ އެއްކޮށްލުމަށް ފަހު އެވެެ.

ޓޫރިޒަމް މިނިސްޓަރަކަށް ތޯރިގް އައްޔަން ކުރެއްވުމަށް ފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު އޭނައާ ބައްދަލު ކުރައްވައި ތިމާވެއްޓާއި ޓޫރިޒަމް ގުޅުވައިގެން ރާއްޖެ އިޝްތިހާރުކުރެއްވުމުގެ މުހިންމުކަން ފާހަގަކުރެއްވި އެވެ.

ޓޫރިޒަމް މިނިސްޓަރުގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި އިބްރާހީމް ފައިސަލް މިދިޔަ އަންގާރަ ދުވަހު ވަކި ކުރެއްވުމާ ގުޅިގެންނެވެ.

އެންވަޔަރަމަންޓް މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީ އެއްކޮށްލި އިރު، ޑިސެމްބަރު މަހުގެ ތެރޭގައި ވަނީ ހައުސިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީ ވެސް އެއްކޮށްފަ އެވެ.