Last Updated: February 18, 21:05
Tuesday, February 18, 2025
މުނިފޫހިފިލުވުން

ޕްރަތީކްގެ ދެވަނަ ކައިވެނި 14 ގައި

އިންޑިއާގެ އެކްޓަރު ޕްރަތީކް ބައްބަރު މި މަހުގެ 14 ގައި ކައިވެނި ކުރަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މިއީ މަރުވެފައިވާ ބަތަލާ ސުމީތާ ޕަޓިލް އާއި އެކްޓަރު ރާޖް ބައްބަރްގެ ދަރިފުޅުގެ ދެވަނަ ކައިވެންޏެވެެ. ޕްރަތީކް، 38، ކުރިން ކައިވެނިކުރީ ސާނިއާ ސާގަރް ކިޔާ މީހަކާ އެވެ. ދެހާސް ނަވާރައިގެ އެ ކައިވެނި ރޫޅުނީ 2023 ގަ އެވެ.

އޭގެ ފަހުން ޕްރަތީކް ރައްޓެހިވެގެން އުޅެނީ މާ މަޝްހޫރު ނޫން ބަތަލާއެއް ކަމަށްވާ ޕްރިޔާ ބެނަޖީ، 34، އާ އެވެ. އެ ދެ މީހުން މި އަހަރުގެ ލޯބިވެރިންގެ ދުވަހު ކައިވެނި ކުރަން ތައްޔާރުވަމުން އަންނަ އިރު، 2023 ގެ ނޮވެމްބަރު ވަނީ އެންގޭޖް ވެސް ވެފަ އެވެ.

އާންމުކޮށް ފިލްމުތަކުގެ ސަޕޯޓިން ރޯލުތަކުން ފެންނަ ޕްރަތީކްގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި މި އަހަރުގެ ފިތުރު އީދުގައި ގެނެސްދޭން ހަމަޖެހިފައިވާ ސަލްމާން ޚާންގެ "ސިކަންދަރު" ހިމެނެ އެވެ. އޭނަ ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި "ޖާނޭ ތޫ، ޔާ ޖާނޭ ނާ"، "ބާގީ 2"، "މުލްކް"، "ޗިޗޯރޭ" އަދި "ދަރުބާރު" ހިމެނެ އެވެ.

ޕްރަތީކްގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ ނޮވެމްބަރު މަހު ޖިއޯ ސިނަމާ އިން ގެނެސްދިން "ހުވާބް ކާ ޖަމޭލާ" އެވެ.