އިންޑިއާގެ 2025-2026 ގެ ބަޖެޓުގައި ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި 600 ކްރޯޑް ރުޕީސް (69 މިލިއަން ޑޮލަރު) ދޭން ހިމަނައިފި އެވެ.
އިންޑިއާގެ ފިނޭންސް މިނިސްޓަރު ނިރްމަލާ ސީތާރަމަން މިއަދު އެ ގައުމުގެ މަޖިލީހަށް ހުށަހެޅި ބަޖެޓުގައިވާ ގޮތުން ރާއްޖެއަށް ވަނީ އެހީގެ ގޮތުގައި 69 މިލިއަން ޑޮލަރު ކަނޑައަޅައިފަ އެވެ.
މިދިޔަ އަހަރު 2024-2025 ގެ ބަޖެޓުގައި އިންޑިއާއިން އެންމެ ފުރަތަމަ ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި ދޭން ނިންމީ 72 މިލިއަން ޑޮލަރު (833 މިލިއަން ރުފިޔާ) އެވެ. ނަމަވެސް އެ އަހަރަށް ބަޖެޓްގައި ރާއްޖެއަށް ކަނޑައަޅާފައިވަނީ 54 މިލިއަން ޑޮލަރު (833 މިލިއަން ރުފިޔާ) އެވެ.
ބަޖެޓުގައިވާ ގޮތުން މި ހިނގާ މާލީ އަހަރު އެންމެ ގިނައިން ހިލޭ އެހީ ދޭނެ ގައުމަކީ ބޫޓާނެވެ. އެއީ 248 މިލިއަން ޑޮލަރެވެ. ދެވަނަ އަށް ނޭޕާލަށް އެންމެ ބޮޑު އެހީއެއް ދޭއިރު، އެގައުމަށް ދޭން ނިންމާފައިވަނީ 80 މިލިއަން ޑޮލަރެވެ.
މީގެ އިތުރުން އަފްގާނިސްތާން، ބަންގްލަދޭޝް، ސްރީ ލަންކާ އަދި މޮންގޯލިއާ އާއި ސީޝެލްސް އާއި މިޔަންމާ އާއި މޮރީޝަސްއަށް ވެސް އެހީ ފޯރުކޮށްދޭން އިންޑިއާގެ ބަޖެޓުގައި ވަނީ ހިމަނައިފަ އެވެ.