ސަރުކާރު ކޯލިޝަނުން ވަކިވާން ޖެހިދާނެ ކަމަށް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން ބުނެފި އެވެ.
އެމްޑީއޭގެ ނައިބު ރައީސް އަދި ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް ޑރ. މުއިއްޒު އާއި އެމްޑީއޭގެ ރައީސް، ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް އާ ދެމެދު އެކިފަހަރު މަތިން މަޝްވަރާކޮށް އެއްބަސްވެ ސޮއި ކުރައްވާފައިވާ އެގްރީމެންޓަށް އިހްތިރާމްކޮށް އަމަލުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވަރަށް އިހްތިރާމާއެކު ދަންނަވާ ކަމަށެވެ.
"އެމްޑީއޭގެ ލޮބުވެތި ރައީސްގެ ފަރާތުން ލިބުނު ބޮޑު އެހީތެރިކަމާއި އެމްޑީއޭ އިން ލިބުނު އެހީތެރިކަން މަތިން ހަދުމަނެތި، އެއްބަސްވުމައް އަމަލު ނުކުރައްވާ ނަމަ، ސަރުކާރު ކޯލިޝަނުން އެމްޑީއޭ ވަކިވާން ޖެހިދާނެ." އައްބާސް ވިދާޅުވި އެވެ.
އެންމެފަހުން ބޭއްވި ރިޔާސީ އިންތިހާބުގައި އެމްޑީއޭއިން ފުރަތަމަ ތާއީދުކުރީ އޭރު ވެރިކަމުގައި އޮތް އަދި މިހާރު މައި އިދިކޮޅު އެމްޑީޕީއާ އެކު އެވެ. ނަމަވެސް ފުރަތަމަ ބުރުގެ ނަތީޖާއަށް ފަހު އެމްޑީއޭ އިން ވަނީ އެމްޑީޕީއާއެކު ހެދި ކޯލިޝަން ރޫޅާލައި، އޭރުގެ އިދިކޮޅު ކެންޑިޑޭޓު އަދި މިހާރުގެ ރައީސް މުހައްމަދު މުއިއްޒަށް ތާއީދުކުރަން ނިންމާފަ އެވެ.
މި ސަރުކާރުގެ ބައެއް މަގާމުތަކުގައި އެމްޑީއޭއަށް ނިސްބަތްވާ ބައެއް ފަރާތްތައް ވެސް އެބަ ތިއްބެވެ.