ރައްޔިތުން ސަރުކާރަށް އެއްބާރުލުން ދިނުމުގައި ދެމި ތިބުމަށާއި، ސަރުކާރުން ރައްޔިތުން ހެޕީކޮށްދޭނެ ކަމަށް ބާރަށު ދާއިރާގެ ޕީއެންސީ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާގައި ވާހަކަދައްކަމުން ޝުޖާއު ވިދާޅުވީ މިއަހަރަކީ ރައްޔިތުންގެ ބޯހިޔާވަހިކަމަށް ހައްލެއް ގެންނަން އަމަލީ ގޮތުން މަސައްކަތްތައް ފެށިގެންދާ އަހަރު ކަމަށާއި އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްގީގެ މަޝްރޫއުތައް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސްޕީޑުގައި މިއަހަރު ފެށިގެންދާނެ ކަމަށެވެ.
ތަރައްގީގެ މަޝްރޫއުތައް ފެށިގެންދާއިރު ރައްޔިތުންގެ އެއްބާރުލުމާއި އެހީތެރިކަން ސަރުކާރަށް ދިނުމަށް ޝުޖާއު ގޮވާލެއްވި އެވެ. އަދި ރައީސް މުއިއްޒަކީ ރައްޔިތުންނާއި ގާތުން ހިދުމަތް ކުރައްވާ ވެރިއެއް ކަމަށާއި އެގޮތުން ފާއިތުވި އަހަރެއްހާ ދުވަސްތެރޭ ރާއްޖޭގެ ގާތްގަނޑަކަށް ހުރިހާ ރަށަކަށް ރައީސް ވަޑައިގެންފައިވާ އިރު، މިއީ މީގެކުރިން އެއްވެސް ރައީސަކަށް ކުރެވިފައި އޮތް ކަމެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.
"ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ވެގެންދާނީ ދިވެހި ރައްޔިތުންނަށް އެންމެ އުފާވާ އެންމެ ހެޕީ ކަންކަން ތަންފީޒުކޮށްދޭނެ ސަރުކާރަށް،" ޝުޖާއު ވިދާޅުވި އެވެ.
މީގެއިތުރުން ޝުޖާއު ވަނީ ރައީސް މުއިއްޒަކީ ހިޔާލުފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަން ގާނޫނު އަސާސީން ދީފައި އޮތް އެންމެ ފުޅާމިނަށް ދޭން ކެރިވަޑައިގަންނަވާނެ ރައީސެއް ކަމަށްވެސް ވިދާޅުވެފަ އެވެ. ނަމަވެސް މި ސަރުކާރުގެ ފަރާތްތައް މީގެކުރިން އިދިކޮޅުގައި ތިބިއިރު އެ ފުރުސަތު ދޭން އެމްޑީޕީ ސަރުކާރަށް ނުކެރުނު ކަމަށާއި ރައްޔިތުންގެ ހައްގުގައި ވާހަކަ ދައްކަން އެމްޑީޕީ ލަދުގަންނަންޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.