އިލެކްޝަންސް ކޮމިޝަނުން ޕާޓީ އުވާލަން ނިންމީ ގާނޫނާ ހިލާފަށް ކަމަށް، މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން ބުނެފި އެވެ.
އިލެކްޝަންސް ކޮމިޝަނުން މިދިޔަ ބުދަ ދުވަހު ކުރި އިއުލާނެއްގައި ބުނީ ސިޔާސީ ޕާޓީގެ ޤާނޫނުގެ 30 ވަނަ މާއްދާގެ (ހ)ގެ 1 ވަނަ ނަންބަރުގައިވާ ގޮތުގެ މަތިން ސިޔާސީ ޕާޓީއެއް ދެމިއޮތުމަށް ޤާނޫނު ލާޒިމުކުރާ 3000 މެންބަރުން ހަމަކުރުމަށް އެމްއާރްއެމް އަށް ދިން މުއްދަތުގައި 3،000 މެންބަރުން ހަމަވެފައި ނުވާ ކަމަށެވެ.
އެގޮތުން އެމްއާރްއެމް އުވާލައި އެ ޕާޓީ ސިޔާސީ ޕާޓީގެ ދަފްތަރުން އުނިކޮށްފައިވާ ކަމަށް އީސީން ބުނެ އެވެ.
އެމްއާރްއެމްގެ ރައީސް އަހްމަދު ފާރިސް މައުމޫން ސޮއިކުރައްވާ އީސީއަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ އެމްއާރްއެމް އަށް 3،000 މެންބަރު ހަމަވިޔަ ނުދިނުމަށް އީސީގެ ކުރީގެ ދެ މެންބަރަކާއި މިހާރުވެސް ކޮމިޝަންގައި އިންނެވި މެންބަރަކު މަސައްކަތް ކުރައްވާފައިވާކަން ރައްޔިތުންގެ މަޖިލީހުން އެކުލަވާލި ރިޕޯޓަކުންވެސް އެނގެން އޮތް ކަމަށެވެ.
އެ މައްސަލާގައި އެ ކޮމިޝަންގެ މެމްބަރުންތަކެއް މަގާމުން ވަކިކޮށްފައިވާއިރު އެމްއާރްއެމާ މެދު އަމަލު ކޮށްފައިވާ ގޮތް އަލުން ތަހުގީގު ކުރުމަށް ފަހު ގާނޫނުގައިވާ ގޮތަށް އަމަލު ކުރުމަށް ވެސް އެ ޕާޓީން ބުނެފައިވެ އެވެ.
އެމްއާރްއެމް އަކީ ނިމިގެންދިޔަ އެމްޑީޕީ ސަރުކާރު ކޯލިޝަންގައި ހިމެނުނު ޕާޓީއެކެވެ.