އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލުން ބޯންމަތް 2-0 އިން ބަލިކޮށް، އެއްވަނައިގައި 9 ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.
މި މޮޅާއެކު ލީގުގެ އެއްވަނައިގައި ލިވަޕޫލް އޮތީ 23 މެޗުން 56 ޕޮއިންޓާއެކު އެވެ. ދެވަނައިގައި އާސެނަލް އޮތީ 23 މެޗުން ލިބުނު 47 ޕޮއިންޓާއެކު އެވެ. ތިންވަނައިގައި 24 މެޗުން 47 ޕޮއިންޓާއެކު ހޯދައިގެން ނޮޓިންހަމް ފޮރެސްޓް އޮތްއިރު، ހަތަރުވަނައިގައި 23 މެޗުން 40 ޕޮއިންޓާއެކު އޮތީ މެންޗެސްޓާ ސިޓީ އެވެ.
ބޯންމަތްގެ ދަނޑުގައި ކުޅުނު މި މެޗުގައި، ލިވަޕޫލްގެ ފުރަތަމަ ގޯލު މެޗުގެ 30 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ މުހައްމަދު ސަލާއެވެ. މިއީ ލިވަޕޫލްގެ ކޯޑީ ގަކްޕޯ އަށް ބޯންމަތްގެ ކުޅުންތެރިއަކު ފަހަތުން ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއަކުންނެވެ.
މެޗުގެ ދެވަނަ ހާފްގެ ކުރީކޮޅު ނަތީޖާ އެއްވަރުކޮށްލަން ބޯންމަތަށް ރަނގަޅު ދެ ފުރުސަތެއް ލިބިފައިވެ އެވެ. އެގޮތުން ލިވަޕޫލްގެ އޭރިއާގެ ބޭރުގައި ހުރެ ބޯންމަތްގެ ޓަވެނިއޭ ފޮނުވާލި ހަމަލާ ގޯލުގެ ދަނޑި އަށް އަމާޒުވިއިރު، ލިވަޕޫލްގެ އޭރިއާ ތެރޭ މުޅިން ހުހަށް ހުރެ ޖަސްޓިން ކްލައިވެޓް ފޮނުވާލި ހަމަލާ ދިޔައީ ބޭރަށެވެ.
މި ފުރުސަތުތަކުގެ ބޭނުން ބޯންމަތަށް ނުހިފުމުގެ ނަތީޖާއަކަށްވީ، މެޗުގެ 75 ވަނަ މިނެޓްގައި ސަލާ ލިވަޕޫލްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިނުމެވެ. މިއީ ބޯންމަތްގެ އޭރިއާ ތެރޭ ހުރެ ގޯލުގެ މަތީ ކަނަށް ބޯޅަ އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކުރި ގޯލެކެވެ. މިއީ މި ސީޒަނުގެ ޕްރިމިއާ ލީގުގައި ސަލާ ކާމިޔާބުކުރި 21 ވަނަ ގޯލެވެ.
ލިވަޕޫލުން އެއްވަނައިގައި ބޮޑު ލީޑެއް ނަގާފައިވާއިރު، ލީގުގެ ދެވަނައިގައި އޮތް އާސެނަލުން މިރޭ މެންޗެސްޓާ ސިޓީއާ ދެކޮޅަށް ނިކުންނާނެ އެވެ.