Last Updated: February 18, 21:58
Tuesday, February 18, 2025
މުނިފޫހިފިލުވުން

ޓްރިޕްތީ ކުޅޭނީ ޕަރްވީންގެ ސީރީޒް

ހިންދީ ސިނަމާގެ ކުރީގެ ބަތަލާ ޕަރްވީން ބާބީގެ ހަޔާތަށް ބިނާކޮށް ހަދަން ނިންމާފައި ވަނީ ނެޓްފްލިކްސްގެ ސީރީޒެއް ކަމަށް ރިޕޯތްތައް ބުނެފި އެވެ.

މީގައި ޕަރްވީންގެ ރޯލު ކުޅޭނީ ބޮލީވުޑްގެ މިހާރުގެ ޒުވާން ބަތަލާ ޓްރިޕްތީ ދިމްރީ ކަމަށް މީޑިއާތަކުން މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި މީޑިއާތަކުން ބުނެފައިވެ އެވެ. ސީރީޒް ހަދަން ނިންމާފައި ވަނީ ލިޔުންތެރިޔާ ކަރިޝްމާ އުޕަދޭ 2020 ގައި ގެނެސްދިން ބައޮގްރަފީ "ޕަރްވީން ބާބީ: އަ ލައިފް" އަށް ބިނާކޮށެވެ.

މިއާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް ފިލްމުފެއާ އިން ބުނީ ސީރީޒްގެ ޑައިރެކްޝަން ޝޮނާލީ ބޯސްއާ މިހާރު ހަވާލުކޮށްފައިވާ ކަމަށާއި ސީރީޒްގެ މަސައްކަތް ފެށުމުގެ ތައްޔާރީތައް މިހާރު ވަމުން އަންނަ ކަމަށެވެ. ޝޮނާލީ އަކީ ބަތަލާ ޕްރިޔަންކާ ޗޯޕްޅާ އެންމެ ފަހުން ކުޅުނު ހުންދީ ފިލްމު 2019 ގެ "ދަ ސްކައި އިޒް ޕިންކް" ވެސް ޑައިރެކްޓަރެވެ.

ދެހާސް ތޭވީހުގައި ގެނެސްދިން ރަންބީރް ކަޕޫރްގެ "އެނިމަލް" ގައި ކުޅުނު "ބޯލްޑް" ކެރެކްޓާގެ ސަބަބުން ބޮޑު މަޝްހޫރު ކަމެއް ލިބުނު ޓްރިޕްތީ އަށް ޕަރްވީންގެ ރޯލު ކުޅެން ލިބުނު އިރު، އޭނަގެ މިހާރު އަންނަނީ ޝާހިދު ކަޕޫރާ އެކު ޑައިރެކްޓަރު ވިޝާލް ބަރަދްވާޖްގެ ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ.

މިދިޔަ އަހަރު ކާމިޔާބު ތިން ފިލްމަކުން ފެނިގެން ދިޔަ ޓްރިޕްތީ، 29، މި އަހަރު ފެންނާނެ ފުރަތަމަ ފިލްމަކީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ "ދަޅަކް 2" އެވެ. މިދިޔަ އަހަރު ރިލީޒްވި އޭނަގެ ފިލްމުތަކަކީ "ބޭޑް ނިއުސް"، "ބޫލް ބުލައްޔާ" އަދި "ވިކީ ވިދިއާ ކާ ވޯ ވާލާ ވީޑިއޯ" އެވެ.

ހިންދީ ސިނަމާގައި 80 އާއި 90 އަހަރުތަކުގައި ފިޔަޖެހި ޕަރްވީންގެ ހަޔާތުގެ ވާހަކަ ސީރީޒަކުން ކިޔައި ދޭން ތައްޔާރުމުން އަންނަ އިރު، މީގެ ކުރިން ވެސް އޭނަގެ ހަޔާތާ ގުޅުވައި ފިލްމުތަކެއް ހަދާފައިވެ އެވެ. އެގޮތުން ޑައިރެކްޓަރު މޯހިތު ސޫރީ 2006 ގައި ގެނެސްދިން "ވޯ ލަމްހޭ" ގައި ކަންގަނާ ރަނާވަތު ކުޅުނު ކެރެކްޓާ ބިނާކޮށްފައި އޮތީ ޕަރްވީންއަށެވެ.

ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ޕަރްވީން އުމުރުން 55 ގައި މަރުވީ 2005 ގަ އެވެ.