އައްޑޫ ހަންކެޑެ ބްރިޖް ހުޅުވުމާ އެކު ގިނަ ބަޔަކަށް ބޮޑު އުފާވެރި މި ވަނީ ލިބިފަ އެވެ. ބްރިޖްގެ ފޮޓޯތަކާއ ވީޑިއޯތައް ސޯޝަލް މީޑިއާގައި ޕޯސްޓް ކުރަނީ އެކި ކަހަލ ޝުއޫރުތަކަކާ އެކީގަ އެވެ. ގިނަ ބަޔަކު ފާހަގަކުރާ ގޮތުގައި ދުއްވާލަން ފަސޭހަ މިފަދަ ވަސީލަތެއް ގާއިމުކޮށް ދިނުމަކީ ސަރުކާރަށް ޝުކުރު ހައްގު ކަމެކެވެ.
ހަންކެޑެ އާ ބްރިޖަކީ އިންޓަރަގްރޭޓެޑް ޓޫރިޒަމަށް ހަންކެޑެ އެތަން ތަރައްގީ ކުރަން ނިންމާފައިވާތީ އެ ރަށުގެ ބިމަށް ޖާގަ ހޯދުމުގެ ގޮތުން ލިންކް ރޯޑްގެ ތެރެއިން ހަންކެޑެ އާއި ގައުކެނޑިއާ ދެމެދު މިހާރު އޮތް ބަރިޖްގެ ބަދަލުގައި ހެދި ބްރިޖެކެވެ. އަދި އާ ބްރިޖް މިހާރު އޮތީ ގައުކެނޑި އާއި މަރަދޫ ބޮޑުމަގުގެ ކޮޅުން ގުޅޭ ގޮތަށެވެ.
ހަތަރު ލޭން ހިމެނޭ މި ބްރިޖަކީ ގާތްގަނޑަކަށް 1.4 ކިލޯމީޓަރު ދިގު ބްރިޖެކެވެ.
މި ބްރިޖަކީ މިދިޔަ އެމްޑީޕީ ސަރުކާރުގައި ފެށި އައްޑޫ މަގު ހެދުމުގެ މަޝްރޫއުގެ ތެރެއިން އެޅި ބްރިޖެކެވެ. މިއީ އިންޑިއާ ސަރުކާރުގެެ އެހީގައި ހިންގި މަޝްރޫއެކެވެ.
ހަންކެޑް ބްރިޖާ އެކު އުފާވެރިކަން ލިބުނަސް އަދިވެސް ވަރަށް ބޮޑު މާޔޫސްކަމެއް އެބައޮތެވެ. އެހެންވެ މި "ކުޑަ" ބްރިޖާ ހަމައިން ޝަކުވާތަކާއި ކަންބޮޑުވުންތަކެއް ނިމުމެއް ނާދެ އެވެ. ސަބަބަކީ މި ބްރިޖާ ގުޅިފައިވާ ލިންކް ރޯޑްގެ ހާލަތު ވަރަށް ގޯސްކޮށް އޮތުމެވެ.
މަގުގައި ބޮޑެތި ވަޅުގަނޑުތައް ހެދި ދުއްވާ މީހުން ކޮންމެ ދުވަހަކު އުފުލަން ޖެހިފައި ވަނީ ވަރަށް ބޮޑު ވޭނަކާއި ތަކުލީފެކެވެ. ހިތަދޫން ގަމާވީ ކޮޅަށް ނުވަޔަ ގަމުން ހިތަދުއާ ވީ ކޮޅަަށް ކޮންމެ ދުވަހަކު ވެސް އެތައް ބަޔަކު ދަތުރު ކުރަން ޖެހެ އެވެ. އެކި ބޭނުންތަކުގަ އެވެ. ވަޒީފަށާއި ޑޮކްޓަރަށް ދެއްކުމަށާއި ވިޔަފާރި ކުރުމަށާއި ފުރަން އެއާޕޯޓަށް ދާން ޖެހުން ފަދަ އެތައް ކަމެއްގައި ހިތަދު އާއި ގަމާ ދޭތެރޭ ނުވަތަ ގަމާއި ހިތަދުއާ ދޭތެރޭ ކޮންމެ ދުވަހަކު ވެސް އެތައް ބަޔަކު ސައިކަލާއި ކާރާއި އަދި އެ ނޫން ވެސް ވެހިކަލްތަކުގައި ލިންކް ރޯޑްގައި ދަތުރު ކުރެ އެވެ.
ނަމަވެސް އެ މަގުގެ ހާލަތު މިހާރު އޮތީ ވަރަށް ނުރައްކާތެރ ފައްތަރެއްގަ އެވެ. މަގު ހެދި އިރު ވެސް ފެންވަރު ދަށްކޮށް ލިންކް ރޯޑް ހަދާފައި އޮތުމުން އެ މަގު 2003 ގައި ބޭނުން ކުރަން ފެށި ފަހުން މަގުގެ ހާލަތު ދަނީ ދަށަށެވެ. ލިންކް ރޯޑް މި ފަހުން އެންމެ ބޮޑަށް ހަލާކުވީ އައްޑޫގެ މަގުތައް ހެދުމުގެ މަޝްރޫއު 2021 ފެށުމާ ގުޅިގެންނެވެ.
އެެގޮތުން ބަރު ވެހިކަލްތައް ކޮންމެ ދުވަހަކު އެ މަގުން ދުއްވަން ޖެހުމުގެ ނަތީޖާ އަކީ މީގެ ކުރިން ހަލާކު ނުވާ ވަރަށް މަގު ހަލާކުވުމެވެ. މިކަމާ ހެދި ދުއްވަން ދަތިވެގެން މަގުގެ އެކިއެކި ހިސާބުތަކުގައި ހެދިފައި ހުރި ވަޅުގަނޑުތަކަށް އެކި ފަހަރު މަތިން ތާރާއި ކޮންކްރިޓާއި ވެލި ވެސް އަޅާފައިވެ އެވެ.
އެކަމަކު މިއީ ވަގުތީ ގޮތުން ގޮތުން ގެނެވޭ ހައްލެވެ. ލިންކް ރޯޑަށް މިހާރު ބޭނުންވެފައި އޮތީ ދާއިމީ ބޮޑު ހައްލެކެވެ. އޭގެ މާނަ އަކީ މި މަގު އަލުން ހަދަން ޖެހިފައި އޮތުމެވެ. އެ ވާހަކަ އައްޑޫ ސިޓީ ކައުންސިލުން ވެސް އަންނަނީ ތަކުރާރުކޮށް ދައްކަމުންނެވެ. އަދި ލިންކް ރޯޑް އަލުން ހެދުމުގެ މަސައްކަތް ނުފެށި ލަސްވާތީ އެކަންބޮޑުވުން ވެސް އިންތިހާ އަށް އެބައޮތެވެ.
މި ސަރުކާރުން ވަނީ އައްޑޫ ލިންކް ރޯޑް އަލުން ތަރައްގީ ކުރަން މަޝްރޫއެއް ހިންގާނެކަމުގެ ޔަގީންކަންް ދީފަ އެވެ. އެ ވާހަކަ އެކި ފަހަރު މަތިން ރައީސް ޑރ. މުހައްމަދު މުއިއްޒާއި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވެސް ދައްކަވާފައިވެ އެވެ.
މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި މުއްތަލިބް ވިދާޅުވެފައިވާ ގޮތުގައި ލިންކް ވީހާ ވެސް އަވަހަކަށް މަރާމާތު ކުރުމަކީ މި ސަރުކާރުން ވަރަށް އިސްކަން ދޭނެ ކަމެކެވެ. އެހެންވެ އެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކުރަން ނިންމާފައިވާ ކަމަށް ވިދާޅުވެފައިވެ އެވެ.
ފާހަގަކޮށްލަން ޖެހޭ ކަމަކީ މި ސަރުކާރުން ހިންގަން ނިންމާފައިވާ އެންމެ ބޮޑު އެއް މަޝްރޫއަކީ ހިތަދު އާއި ހުޅުމީދުއާ ދެމެދު ބްރިޖް އެޅުމެވެ. އެކަން ވެސް ވާން އައްޑޫ ރައްޔިތުން ބޭނުމެވެ. ރައްޔިތުން ތިބީ ވެސް އެ އުންމީދުގަ އެވެ.
ނަމަވެސް އޭގެ ކުރިން ވަރަށް ބޮޑު އިސްކަމެއް ދީގެން ފުރަތަމަ ކަމަކަށް ލިންކް ރޯޑަކީ ދުއްވަން ރައްކާތެރި، ފެންވަރު ރަނގަޅު މަގަކަށް ހަދައި ދިނުން ވަރަށް މުހިއްމެވެ. މިއީ އައްޑޫގެ ބޮޑު ސަރަހައްދެއް އަދި އެންމެ ބޮޑު އާބާދީ ދިރިއުޅޭ ސަރަހައްދު އެއްފަސްކޮށް ގުޅިފައި އޮތް މަގެވެ.
އައްޑު އަށް ޒިޔާރަތްކުރާ އެތައް ބަޔަކު ވެސް މި މަގު ބޭނުން ކުރަން ޖެހެ އެވެ. އެހެންވެ ވީހާ ވެސް އަވަހަކަށް ލިންކް ރޯޑް ހަދައި ދޭން ވެއްޖެ އެވެ.
ހަންކެޑެއިގެ "ކުޑަ" ބްރިޖްމަތިން އޮމާންކަމާ އެކު ދުއްވާލައި ގޮސް ނިކުންނަން މި ޖެހެނީ ހަމަ ލިންކް ރޯޑްގެ ވަޅުގަނޑުތަކަށެވެ. އެހެންވެ ހަންކެޑެ ބްރިޖް ހުޅުވުމަކުން އަދިއެއް ހަގީގީ ހިތްހަމަޖެހުމެއް ނުލިބެ އެވެ. ޝަކުވާތަކާއި ކަންބޮޑުވުންތައް ނިމުމަކަށް އަންނާނީ މި ބްރިޖާ ގުޅިފައި އޮތް މަގުގެ ހާލަތު ރަނގަޅުކޮށް ދެވިގެންނެވެ.
އެހެންވެ އެކަން ކައިރި މުސްތަގުބަލެއްގައި ވާނެ ކަމަށް އުންމީދު ކުރަމާ ހިނގާށެވެ.