Last Updated: February 18, 21:58
Tuesday, February 18, 2025
މުނިފޫހިފިލުވުން

އާމިރުގެ 60 ވަނަ އުފަން ދުވަސް ކުލަގަދަކޮށް

ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި، އާމިރު ޚާންގެ 60 ވަނަ އުފަން ދުވަސް ވަރަށް ކުލަގަދަކޮށް ފާހަގަ ކުރަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މިޑް-ޑޭ އިން ބުނީ އުފަން ދުވަހުގެ ހަފުލާ ބާއްވަން ހަމަޖެހިފައި ވަނީ ބޮލީވުޑްގެ ވަރަށް ގިނަ ބަޔަކަށް ދައުވަތު ދީގެން މާޗް މަހުގެ 13 ވަނަ ދުވަހުގެ ރޭ މުމްބާއީގެ ބަންޑްރާގެ ފަސް ތަރީގެ ހޮޓަލެއްގައި ކަމަށެވެ.

އާމިރުގެ އުފަން ދުވަހަކީ މާޗް 14 އެވެ. އާންމުކޮށް އޭނަ އުފަން ދުވަސް ފާހަގަ ކުރަމުން އައިސްފައި ވަނީ މީޑިއާތަކާ އެކީގަ އެވެ.

އާމިރުގެ 60 ވަނަ އުފަން ދުވަސް ފާހަގަ ކުރަން ބާއްވާ ކުލަގަދަ ހަފުލާގައި ބައިވެރިވާނެ މަޝްހޫރު މީހުންގެ ތެރޭގައި ޝާހްރުކް ޚާނާއި ސަލްމާން ޚާނާއި ރަންވީރު ސިންގް އާއި އަންހެނުން ދީޕިކާ ޕަދްކޯން އާއި ކަރީނާ ކަޕޫރާއި އާއި ފިރިމީހާ ސައިފް އަލީ ޚާނާއި ރާނީ މުކަރްޖީ އާއި ރިތިކް ރޯޝަނާއި ސާނިއާ މަލްއުތުރާ އާއި ފާތިމާ ސަނާ ޝައިހާއި ޝަބާނާ އާޒްމީ އާއި ފިރިމީހާ ޖާވިދު އަޚްތަރާއި ޑައިރެކްޓަރުން ކަމަށްވާ ރާޖް ކުމާރު ހިރާނީ އާއި ވިދޫ ވިނޯދް ޗޯޕްޅާގެ އިތުރުން ކަރަން ޖޯހަރް ހިމެނޭ ކަމަށް މީޑިއާތަކުން ބުންޏެވެ.

އާމިރަކީ ބޮލީވުޑްގެ އެންމެ ކާމިޔާބު އަދި އެންމެ މޮޅު އެއް އެކްޓަރެވެ. އޭނަގެ ފުރަތަމަ ފިލްމަކީ 1988 ގެ "ގަޔާމަތު ސޭ ގަޔާމަތު ތަކް" އެވެ. އޭގެ ފަހުން މިހާތަނަށް ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ އެކްޓަރުގެ އެންމެ ފަހުގެ ފިލްމަކީ 2022 ގެ "ލާލު ސިންގް ޗައްޑާ" އެވެ.

އާމިރުގެ ކުރިއަށް އޮތް ފިލްމަކީ މި އަހަރުގެ ޑިސެމްބަރުގައި ގެނެސްދޭން ނިންމާފައިވާ "ސިތާރޭ ޒަމީން ޕަރް" އެވެ.

ދެ ކައިވެންޏަކަށް ތިން ކުދިން ލިބިފައިވާ އާމިރުގެ އެންމެ ދޮށީ ދަރިފުޅު ޖުނައިދު ޚާނަކީ ވެސް މިހާރު އެކްޓަރެކެވެ. އޭނަގެ ދެވަނަ ފިލްމު "ލަވްޔާޕާ" އަންނަ ހުކުރު ދުވަހު ރިލީޒްކުރާނެ އެވެ.

އާމިރުގެ ދެ ކައިވެނި ވެސް ރޫޅިފައިވާ އިރު، މީޑިއާތަކުން ބުނާ ގޮތުން އޭނަ މިހާރު އަންނަނީ ހައިދަރުއާބާދުގެ މީހަކާ ޑޭޓްކުރަމުންނެވެ.