ސިޔާސީ ޕާޓީތަކުގެ މެންބަރުންނަށް ވާން އީ-ފާސް މެދުވެރިކޮށް ރެޖިސްޓްރީވެވޭ ގޮތް ހެދުމާ ގުޅޭ ގޮތުން އިލެކްޝަން ކޮމިޝަން (އީސީ) އިން ނެޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) އާ އެކު މަޝްވަރާކޮށްފި އެވެ.
މި މަޝްވަރާއާ ގުޅޭ ގޮތުން އީސީން ބުނީ އީ-ފާސް ބޭނުންކޮށްގެން ޕާޓީތަކުގައި ރެޖިސްޓްރީވެވޭ ގޮތް ހަދައިފި ނަމަ، ޕާޓީތަކަށާއި އާންމުންނަށް ދިމާވެދާނެ ދަތިތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ. އަދި އީ-ފާސްގެ ތެރެއިން ޕާޓީތަކުގައި ރެޖިސްޓްރީވެވޭ ޕޯޓަލް މިހާރު ޑިޒައިންކޮށްފައިވާ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.
ސިޔާސީ ޕާޓީތަކަށް މެންބަރުން ދަފްތަރުކުރުމުގައި އީ-ފާސް ބޭނުންކުރުމާ ގުޅޭޮތުން، ނެޝަނަލް ސެންޓަރ ފޮރ އިންފޮރމޭޝަން ޓެކްނޮލޮޖީގެ އިސްބޭފުޅުންނާއެކު، ކޮމިޝަނުން މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން @ncitmv pic.twitter.com/MLWnQKOFcN
— Elections Commission (@ElectionsMv) February 2, 2025
އެހެންވެ އީ-ފާސް މެދުވެރިކޮށް ޕާޓީތަކުގެ ދަފުތަރުގައި ރެޖިސްޓްރީވާން އެދި ހުށަހެޅޭ ގޮތަށް ހަދަން ނިންމާފައި ވަނީ މި މަހުގެ 15 އިން ފެށިގެންނެވެ.
މިދިޔަ މަހުގެ 30 ވަނަ ދުވަހުން ފެށިގެން ޕާޓީތަކަށް ވަނުމަށް އެދި ހުށައަޅާ ކަރުދާސް ފޯމު ބަލައިގަތުން އީސީން ވަނީ ހުއްޓާލައިފަ އެވެ. އެގޮތަށް ނިންމި އިރު، ވެރިކަން ކުރާ ޕާޓީ، ޕީއެންސީން ގިނަ އަދަދެއްގެ ވަގު ފޯމް ހުށަހެޅި މައްސަލަ ފެންމަތިވެ، އެކަން އީސީން ވެސް އަންނަނީ ބަލަމުންނެވެ.
އެ ކޮމިޝަނުން ބުނެފައި ވަނީ އީ-ފާސް މެދުވެރިކޮށް ޕާޓީތަކުގެ މެންބަރު ކަމަށް ރަޖިސްޓްރީވެވޭ ގޮތަށް ހެދުމުން ބަދަލު މީހާއަށް ނޭނގި ޕާޓީތަކަށް ވައްދާ މައްސަލަ ހައްލުވާނެ ކަމަށެވެ. އަދި ޕާޓީތަކުގެ ދަފުތަރުގެ ޞައްހަކަން ވެސް އިތުރަށް ކަށަވަރު ކުރެވޭނެ ކަމަށް އީސީން ބުނެ އެވެ.