ބޯނީ ކަޕޫރް ޕްރޮޑިއުސްކޮށް، އަނީސް ބަޒްމީ ޑައިރެކްޓް ކުރަން ހަމަޖެހިފައިވާ ކޮމެޑީ ފިލްމު "ނޯ އެންޓްރީ 2" އަށް ލޮކޭޝަން ހަންޓް ކުރުމުގެ މަސައްކަތް ފަށައިފި އެވެ.
އެގޮތުން ފިލްމުގެ ޕްރޮޑިއުސަރާއި ޑައިރެކްޓަރު މި ވަގުތު ތިބީ ގްރީސްގަ އެވެ. ފިލްމު ޝޫޓްކުރާނެ ލޮކޭޝަންތައް ހޯދަން ކުރާ މި ދަތުރުގެ ފޮޓޯތަކެއް ބަޒްމީގެ އިންސްޓަގްރާމްގައި ވެސް ޕޯސްޓްކޮށްފައިވެ އެވެ.
"ނޯ އެންޓްރީ 2" އަކީ ބޯނީ ޕްރޮޑިއުސްކޮށް، އަނީސް ލިޔެ، ޑައިރެކްޓްކޮށް 2005 ގައި ގެނެސްދިން ކާމިޔާބު ފިލްމު "ނޯ އެންޓްރީ" ގެ ސީކްއެލް އެވެ.
ނަމަވެސް އާ ފިލްމު ހަދަން ނިންމާފައި ވަނީ މުޅިން ތަފާތު ކާސްޓަކާ އެކީގަ އެވެ. އެގޮތުން "ނޯ އެންޓްރީ 2" ގެ ބަތަލުންނަށް ނަގާފައި ވަނީ ބޯނީގެ ދަރިފުޅު އަރުޖުން ކަޕޫރާއި ވަރޫން ދަވަންގެ އިތުރުން ދިލްޖީތު ދޮސަންޖެވެ.
"ނޯ އެންޓްރީ" ގެ ކާސްޓްގެ ބަތަލުންނަކީ ބޯނީގެ ކޮއްކޮ އަނިލް ކަޕޫރާއި ސަލްމާން ޚާންގެ އިތުރުން ފަރުދީން ޚާނެވެ. އަދި ފިލްމުގެ ބަތަލާއިންނަކީ ލާރާ ދައްތާ އާއި އީޝާ ޑިއޯލް އާއި ސެލީނާ ޖެއިޓްލީގެ އިތުރުން ބިޕާޝާ ބާސޫ އެވެ.
"ނޯ އެންޓްރީ 2" ގެ އެކްޓަރުން ފައިނަލްކުރި ނަމަވެސް ފިލްމުގެ ބަތަލާއިންނަކި ކޮބައި ކަމެއް އަދި އިއުލާނެއް ނުކުރެ އެވެ. އެކަމަކު "ނޯ އެންޓްރީ 2" އިން މަޝްހޫރު ހަ ބަތަލާއަކު ފެންނާނެ ކަމަށް މީޑިއާތަކުން ކުރިން ރިޕޯޓްކޮށްފައިވެ އެވެ.
މި ސީކްއެލްގެ މަސައްކަތް ފެށުމަށް ތައްޔާރުވާން މި ފެށީ މި ހަދަން ވާހަކަ ދެކެވޭތާ ވަރަށް ގިނަ އަހަރުތަކެއް ފަހުންނެވެ. ބަޒްމީގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ އެންމެ ބޮޑެތި ހިޓްތަކުގެ ތެރޭގައި ހިމެނޭ ހޮރޯ-ކޮމެޑީ "ބޫލް ބުލައްޔާ 3" އެވެ.