ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އެސްޓޯނިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް 1.3 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުވެފައިވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ރައީސް އޮފީހުން ބުނީ މި ދަތުރަށް ދައުލަތުން ހަރަދުކުރީ ޖުމްލަ 1،371،069ރ. ކަމަށެވެ. ނަމަވެސް، ފައިސާ ޚަރަދުވީ ކޮން ކަންކަމަކަށްކަން ހާމަކޮށްފައެއް ނުވެ އެވެ.
އެސްޓޯނިއާގެ ރައީސް، ޑރ، އަލާރް ކަރިސްގެ ދަޢުވަތަކަށް އެ ޤައުމަށް ރައީސް މުއިއްޒު ކުރެއްވި ދަތުރުފުޅުގައި ސަމާލުކަން ދެއްވާފައިވަނީ، އެއް ޤައުމުން އަނެއް ޤައުމަށް އިތުރަށް އެއްބާރުލުން ދިނުމާއި، ޑިޖިޓަލް، ސައިބަރ އަދި އީ-ގަވަނަންސް، މޫސުމީ ބަދަލު، ތިމާވެށީގެ މައްސަލަތައް އަދި ސައިންސާއި ތަޢުލީމީ ދާއިރާގައި އެކުގައި ކުރެވިދާނެ މަސައްކަތްތަކުގެ މައްޗަށެވެ.
މި ދަތުރުފުޅުގައި، ރައީސް މުޢިއްޒު، އެސްޓޯނިއާގެ ރައީސް ޑރ. އަލާރް ކަރިސް އާއި، އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ލޯރީ ހުއްސާރް އާއި، އެ ޤައުމުގެ އެކި ވަޒީރުންނާ ބައްދަލުކުރައްވާފައިވެ އެވެ.
މީގެއިތުރުން މި ދަތުރުފުޅުގައި، އީޖާދީ އުފެއްދުންތެރިކަމާއި އަދި ފަންނިއްޔާތުގެ ދާއިރާގައި އެސްޓޯނިއާއިން ހޯދާފައިވާ ކުރިއެރުންތަކުގެ މައްޗަށް މަޝްވަރާތައް ކުރައްވާފައިވެ އެވެ.