Last Updated: July 25, 13:16
Saturday, July 25, 2026
ޚަބަރު

ހެލްތު މިނިސްޓަރު ނާޒިމް ޖެނީވާ އަށް

ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިޔުއެޗްއޯ)ގެ 156 ވަނަ އެގްޒެކެޓިވް ބޯޑު ބައްދަލުވުމުގައި ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދު ތަމުސީލުކުރަން އެގްޒެކެޓިވް ބޯޑުގެ މެންބަރެއްގެ ގޮތުން ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް، ސްވިޒަލޭންޑުގެ ޖެނީވާއަށް މިއަދު ފުރާވަޑައިގަންނަވައިފި އެވެ.

މި ބައްދަލުވުމުގައި ދުނިޔޭގެ 34 ގައުމަކުން ޞިއްޙީ ދާއިރާގެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެއެވެ. ބައިނަލްއަޤުވާމީ މުހިންމު ނިންމުންތަކެއް ނިންމާ މި ބައްދަލުވުމަކީ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ އެންމެ މަތީ ފަންތީގެ ބައްދަލުވުމެކެވެ.

މާދަމާއިން ފެށިގެން މި މަހުގެ 11އަށް ކުރިއަށްދާ މި ބައްދަލުވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ، ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ އެގްޒެކެޓިވް ބޯޑުގެ މެންބަރު ގައުމުތަކާއި އެހެން މެންބަރު ގައުމުތައް ވެސް ހިމެނޭގޮތަށެވެ.

މި ފަހަރުގެ ބައްދަލުވުމުގައި ދިވެހިރާއްޖެ ވަނީ ވައިސް ޗެއާކަން ކުރުމަށް ހަމަޖެހިފަ އެވެ.

މި ބައްދަލުވުމުގައި މިދިޔަ އަހަރު ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ ހަ ސަރަޙައްދުގައި ކުރިއަށް ގެންދެވުނު ރީޖަނަލް ކޮމިޓީ ބައްދަލުވުންތަކުގައި ނިންމި ނިންމުންތަކާއި، ޕްރޮގްރާމް، ބަޖެޓް އެންޑް އެޑްމިނިސްޓްރޭޓިވް ކޮމިޓީ ބައްދަލުވުމުގެ ރިޕޯޓުތަކާގުޅޭ މަޝްވަރާތައް ކުރުމަށް ހަމަޖެހިފައިވެއެވެ. އަދި، މި އަހަރުގެ 78 ވަނަ ވޯލްޑް ހެލްތު އެސެމްބްލީގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވާ އެޖެންޑާތަކަށް އެގްޒެކަޓިވް މެންބަރު ގައުމުތަކުން މަޝްވަރާކޮށް ނިންމުންތައް ނިންމާނެ އެވެ.

އޭގެ ތެރޭގައި ޞިއްޙީ ކުއްލި ނުރައްކަލުގެ ކާރިސާތަކުން ރައްކާތެރިވުމަށްޓަކައި ގައުމުތަކުން ތައްޔާރުވެ އިޖާބަދިނުމުގެ ގާބިލުކަން އިތުރުކުރުމާއި، ދެމެހެއްޓެނި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކަނޑައަޅާފައިވާ ޔުނިވާސަލް ހެލްތު ކަވަރޭޖްގެ އިތުރުން މޫސުމަށް އަންނަ ބަދަލުގެ ސަބަބުން ސިއްހަތަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް ކަނޑައަޅާފައިވާ މުހިންމު ކަންކަން ކުރިއަށް ގެންދިއުމުގެ މުހިންމު ނިންމުންތަކަށް މަޝްވަރާކޮށް ނިންމުންތައް ނިންމާނެ އެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން ގައުމުތަކަށް ފޯރުކޮށްދޭ އެހީތައް އެންމެ ފައިދާހުރި ގޮތެއްގައި ފޯރުކޮށްދިނުމާ ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި މަޝްވަރާކޮށް އެކަމާގުޅޭ ކަންތައްތައް ހުށަހަޅާނެ އެވެ.

ހެލްތު މިނިސްޓްރީން ބުނި ގޮތުގައި މި ފަހަރުގެ ބައްދަލުވުމުގެ ހަވާސާގައި ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ދޭދޭ ގައުމުތަކާ އެކު ބައްދަލުވުންތައް ބޭއްވުމަށް ވަނީ ރޭވިފަ އެވެ. މި ބައްދަލުވުންތަކުގައި ޞިއްޙީ ދާއިރާގެ އިންސާނީ ވަސީލަތްތައް ތަރައްގީކުރުމާއި، އާއްމު ޞިއްޙަތު ރައްކާތެރިކުރުމުގެ މަސައްކަތަށް އަދި ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ބޭނުންވާ އެހީތެރިކަން ހޯދުމަށް މަޝްވަރާކުރެވޭނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.