ރައީސް ޑރ. މުހައްމަދު މުއިއްޒަށް ހެޔޮއެދޭ މީހެއް ނެތް ކަމަށާއި އެންމެން ކުރަނީ ޖެއްސުން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ޕީއެންއެފްގެ ފްރޮންޓް އޮފީހުގެ ޖަލްސާގައި ރޭ ވާހަކަދައްކަމުން ޔާމީން ވިދާޅުވީ ރައްޔިތުން ރުޅި އަންނާނެ ހުރިހާ ކަމެއް ރައީސް މުއިއްޒު ކައިރީގައި ތިބި ބޭފުޅުން އެމަނިކުފާނު ލައްވާ ކުރުވަމުންދާ ކަމަށާއި ރައީސް މުއިއްޒަށް ހެޔޮއެދޭ މީހެއް ނެތް ކަމަށެވެ.
"ސައީދު ވެސް އެކުރަނީ އެކަން. އާދަމް ޝަރީފް އެކުރަނީ އެކަން، އަބްދުއްރަހީމް އެކަން ކުރީ، އިހުސާން އެކުރަނީ އެކަން. އަޅުގަނޑަކަށް ނުފެނޭ މުއިއްޒަށް ހެޔޮ އެދިގެން އެއްވެސް މީހަކު ކަމެއް ކުރާ ތަނެއް. ހަމަ މި އެންމެން މިކުރަނީ ޖެއްސުން،" ޔާމީން ވިދާޅުވި އެވެ.
ޔާމީން މިހެން ވިދާޅުވި އިރު، ޓޫރިޒަމް މިނިސްޓަރު ކަމުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގެ ދަރިކަލުން، އިބްރާހީމް ފައިސަލް މިދިޔަ އަންގާރަ ދުވަހު މަގާމުން ވަނީ ވަކިކޮށްފަ އެވެ. އަދި އަބްދުއްރަހީމްއާ އާއިލީ ގޮތުން ގުޅުން އޮންނަ، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި، މުހައްމަދު ވަޖީހު އިބްރާހިމް އިއްޔެ ވަނީ މަގާމުން ވަކިކޮށްފަ އެވެ.
މި ދެ ބޭފުޅުން މަގާމުން ވަކި ކުރި ސަބަބެއް ސަރުކާރުން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.
މީގެއިތުރުން ރޭގެ ޖަލްސާގައި ޔާމީން ވަނީ ރާއްޖޭގެ އުފާވެރިކަން މިންކުރުމަށް "ހެޕިނަސް އިންޑެކްސް" އެއް އެކުލަވާލަން ސަރުކާރުން ކުރަމުންދާ މަސައްކަތަށް ވެސް ފާޑު ވިދާޅުވެފަ އެވެ. އެގޮތުން ރައްޔިތުން އުފާވާންޖެހޭ ކަމަކަށް ސަރުކާރުން ކޮށްދިން ކަމެއް ބުނެދޭންޖެހޭ ކަމަށާއި ނޫނީ މިއީ ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް ރައީސް މުއިއްޒަށް ކުރައްވާ މަލާމަތެއްތޯ ޔާމީން ސުވާލުކުރެއްވި އެވެ.
ރާއްޖޭގެ އުފާވެރިކަން މިންކުރުމަށް މިންގަނޑެއް އެކުލަވައިލުމުގެ މަސައްކަތަކީ ރައީސް މުޢިއްޒުގެ އިރުޝާދުގެ މަތިން އާދަމް ޝަރީފު އިސްނަގައިގެން ލޯކަލް ގަވަމެންޓް މިނިސްޓްރީން ކުރަމުން އަންނަ މަސައްކަތެކެވެ.