ގައުމު ފުނޑުފުނޑު ވެފައިވާ ކަމަށާއި، ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފްއާ ވެރިކަން ހަވާލުކުރަންޖެހޭ ކަމަށް، އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގައި ރޭ ވާހަކަދައްކަމުން ފައްޔާޒު ވިދާޅުވީ މިއަދު ފެންނަމުން ދަނީ ރައްޔިތުންނަށް ހުރި ހައްގުތައް ނިގުޅައިގަންނަމުންދާ މަންޒަރު ކަމަށާއި މި ކަންކަމާއި ދެކޮޅަށް އެމްޑީޕީން އިހުތިޖާޖު ކުރާނެ ކަމަށެވެ. މަގުމަތިން ސަރުކާރު ވައްޓާލުމުގެ ނިޔަތެއް އެމްޑީޕީގެ ނެތް ކަމަށާއި އޭގެ ބަދަލުގައި އެމްޑީޕީން މަސައްކަތް ކުރާނީ ނިޒާމުގެ ތެރެއިން ސަރުކާރުގެ އަމަލުތަކަށް ބަދަލު ގެނައުމާއި އަދި އެ ބަދަލުތައް ނުގެންނަ ނަމަ ނިޒާމުގެ ތެރެއިން ސަރުކާރު ބަދަލުކުރެވޭނެ ގޮތެއް ހޯދުން ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
"ހަގީގަތުގައި އަޅުގަނޑު ދެކޭ ގޮތުގައި ރައީސް މުއިއްޒު މިހާރު އިސްތިއުފާ ދެއްވަންޖެހޭ. މުޅި ގައުމު ފުނޑުފުނޑު ވެއްޖެ. ނައިބު ރައީސްއާ ވެރިކަން ހަވާލުކުރައްވަން އެބަޖެހޭ އަސްލު މިހާރު. އެހާ ހިސާބަށް ރައްޔިތުންގެ ހާލަތު މިދަނީ،" ފައްޔާޒު ވިދާޅުވި އެވެ.
ފައްޔާޒު ވަނީ ބަނޑުހައިހޫނުކަމުގެ ސަބަބުން ރައްޔިތުން މަގުތައް ފުރާލައި، މަގުމަތިން ވެރިކަން ވެއްޓުމަކީ އެމްޑީޕީން އެދޭ ކަމެއް ނޫން ކަމަށްވެސް ވިދާޅުވެފަ އެވެ. އޭގެ ކުރިން ކަންކަން ބަދަލުކުރުމަށާއި ނޫނީ މަގާމުން އިސްތިއުފާ ދެއްވުމަށް ފައްޔާޒު ވަނީ ގޮވާލައްވާފަ އެވެ. އަދި ސަރުކާރުގެ ތެރޭގައި ވެރިކަން ކުރެއްވޭނެ ގާބިލު ބޭފުޅެއް ނެތް ނަމަ، އިންތިހާބަކަށް ގޮވާލުމަށާއި އޭރުން ރައްޔިތުން ނިންމާ ގޮތް އަނެއްކާވެސް ފެންނާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.