Last Updated: February 18, 21:58
Tuesday, February 18, 2025
ކުޅިވަރު

ސިޓީ އަތުން އާސެނަލަށް ފަސް ތަރީގެ މޮޅެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލުން 5-1 އިން މެންޗެސްޓާ ސިޓީ ބަލިކޮށްފި އެވެ.

މި މޮޅާއެކު އާސެނަލް އޮތީ 24 މެޗުން 50 ޕޮއިންޓާ އެކު ލީގުގެ ދެވަނައިގަ އެވެ. އެއްވަނައިގައި 23 މެޗުން 56 ޕޮއިންޓާ އެކު އޮތީ ލިވަޕޫލް އެވެ. ސިޓީ އޮތީ 24 މެޗުން ލިބުނު 41 ޕޮއިންޓާ އެކު ލީގުގެ ހަތަރުވަނައިގަ އެވެ. ލީގުގައި މިރޭ ޗެލްސީން ވެސްޓްހަމް ޔުނައިޓެޑް ބަލިކޮށްފިނަމަ، ސިޓީ ފަސްވަނަ އަށް ވެއްޓޭނެ އެވެ.

އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ދެވަނަ މިނެޓްގައި މާޓިން އޮޑެގާޑް ވަނީ އާސެނަލަށް ލީޑު ނަގައިދީފަ އެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ލީޑު ފުޅާކޮށްލަން ވެސް އާސެނަލަށް ރަނގަޅު ފުރުސަތުތަކެއް ލިބިފައިވެ އެވެ.

ދެ ވަނަ ހާފް ފަށައިގެން ސިޓީން ވަނީ 55 ވަނަ މިނެޓްގައި އާލިން ހާލަންޑް ޖެހި ގޯލުން އެއްވަރުކޮށްފަ އެެވެ. ނަމަވެސް އޭގެ މާގިނަ އިރުތަކެއް ނުވެ، ތޯމަސް ޕާޓޭ ވަނީ އާސެނަލަށް އަލުން ލީޑުނަގައިދީފަ އެވެ. އާސެނަލްގެ ތިން ވަނަ ގޯލު ޖެހީ 18 އަހަރުގެ މައިލްސް ލެވިސް ސްކެލީ އެވެ. އަދި ކައި ހަވާޓްޒް އާސެނަލްގެ ހަތަރު ވަނަ ގޯލު ޖެހިއިރު، އިތުރު ވަގުތުގައި އާސެނަލްގެ ފަހު ގޯލު ޖެހީ، 17 އަހަރުގެ އީތަން ންވަނޭރީ އެވެ.

ޕްރިމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި މެންޗެސްޓާ ޔުނައިޓެޑް ވަނީ 2-0 އިން ކްރިސްޓަލް ޕެލެސް އަތުން ބަލިވެފަ އެވެ. އަދި ޓޮޓެންހަމް ވަނީ ރަށުން ބޭރުގައި 2-0 އިން ބްރެންޓްފޯޑް ބަލިކޮށްފަ އެވެ.