Last Updated: May 5, 21:07
Tuesday, May 6, 2025
ޚަބަރު

ނެޝަނަލް ސާވިސް ޕްރޮގްރާމަށް ތައްޔާރު ވަނީ

އޯ ލެވަލް އާއި އޭ ލެވެލް އަށް ނިންމާ ދަރިވަރުންނާއި ވަޒީފާ ހޯދުމަށް ދަތިވާ ޒުވާނުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދަން ނިންމާފައިވާ "ނެޝަނަލް ސާވިސް ޕްރޮގްރާމް" ގެ އިދާރީ ކަންކަން ފެށުމުގެ ގޮތުން ރައީސް އޮފީހުގައި ހާއްސަ ސެކްޝަނެއް ހަދައި އެތަނަށް މީހުން ހޯދަން އިއުލާންކޮށްފި އެވެ.

މި ޕްރޮގްރާމު އިއުލާންކުރެއްވީ މިދިޔަ އަހަރުގެ ނަސްރުގެ ދުވަހުގެ ޖަލްސާގަ އެވެ.

ރައީސް އޮފީހުން އިއްޔެ ކުރި އިއުލާނެއްގައި ވަނީ އެ އޮފީހުގައި މުޅިން އަލަށް ގާއިމުކުރި ނެޝަނަލް ސާވިސް ކޯޑިނޭޝަން ސެކްރެޓޭރިއޭޓަށް ޑެޕިއުޓީ ޑިރެކްޓަރަކާއި އެސިސްޓެންޓް ޑިރެކްޓަރެއް ހޯދަން އިއުލާންކޮށްފަ އެވެ.

އެ މަގާމުތަކަށް ހޮވޭ ބޭފުޅުންގެ މައިގަނޑު މަސައްކަތަކީ ނެޝަނަލް ސާވިސް ޕްރޮގްރާމު ހިންގުމާ ހަވާލުވެ ހުންނަވާ ބޭފުޅެއްގެ ލަފާގެ މަތިން އިދާރީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމެވެ. އެގޮތުން މި ޕްރޮގްރާމުގެ ޓައިމްލައިން ތައްޔާރުކުރުމާއި މޮނިޓާކުރުމާއި ޕްރޮގްރާމުގެ މަގުސަދު ހާސިލުވަމުންދާ މިންވަރު ބަލައި އެސެސްމަންޓް ހެދުންވެސް މަސައްކަތުގެ ޒިންމާގެ ތެރޭގައި ހިމެނެ އެވެ.

ޑެޕިއުޓީ ޑިރެކްޓަރުގެ މުސާރަ އަކީ 15،918ރ. އެެވެ. އަދި އެސިސްޓެންޓް ޑިރެކްޓަރުގެ މުސާރަ އަކީ 14،700ރ. އެވެ.

އެ ދެ މަގާމަށްވެސް ކުރިމަތިލާން ހުޅުވާލާފައި ވަނީ އަންނަ އާދިއްތަ ދުވަހުގެ މެންދުރުފަހު 1:00 އާ ހަމައަށެވެ. ރައީސް އޮފީހުން ބުނީ އިންޓަވިއު ކުރުމަށް ހަމަޖެހިފައި ވަނީ މަގާމަށް ޝަރުތު ހަމަވާ މީހުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ މީހުންނާ އެކަނި ކަމަށެވެ.

ރައީސް ވިދާޅުވެފައިވާ ގޮތުގައި "ނެޝަނަލް ސާވިސް ޕްރޮގްރާމް" ހިންގުމަށްޓަކައި މި އަހަރުން ފެށިގެން ދައުލަތުގެ ބަޖެޓްގައި 400 މިލިއަން ރުފިޔާ ހިމަނާނެ އެވެ. މި ޕްރޮގްރާމު ސަބަބުން ސިފައިންގެއަށް އަހަރަކު 1،000 ޒުވާނުން އަދި ފުލުހުންގެ ހިދުމަތަށް އަހަރަކު 250 ޒުވާނުން ވައްދާނެ އެވެ. އެގޮތުން ކުރިއަށް އޮތް ހަތަރު އަހަރު އެ ދެ އިދާރާއަށް ޖުމްލަ 5،000 ޒުވާނުން ރެކްރޫޓް ކުރާނެ ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.