ބޮލީވުޑްގެ އެކްޓަރު ސަންޖޭ ކަޕޫރްގެ ދަރިފުޅު ޝަނާޔާ ކަޕޫރް މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ސޮއިކުރި އިންޑިއާގެ ދެކުނުގެ ފިލްމު "ރުޝާބާ' ޝޫޓިން ނިންމާލައިފި އެވެ.
އެކްތާ ކަޕޫރް ވެސް ޕްރޮޑިއުސަރެއްގެ ގޮތުގައި ހިއްސާވާ ފިލްމުގެ ޝޫޓިން ނިންމައިލިކަން މިއަދު ރަސްމީކޮށް އިއުލާންކޮށް، ފިލްމުގެ ޓީމުން ބުނީ ނޮވެމްބަރު މަހުގެ ތެރޭގައި ބެލުންތެރިންނަށް ފިލްމު ގެސްދޭނެ ކަމަށެވެ. "ރުޝާބާ" ގެ ލީޑް ތަރިއަކީ މަޝްހޫރު މަލަޔަޅާމް އެކްޓަރު މޯހަންލާލް އެވެ.
ނަންދާ ކިޝޯރް ޑައިރެކްޓްކޮށްފައިވާ މި ފިލްމު އިންޑިއާގައި ވާހަކަ ދައްކައި މައިގަނޑު ހުރިހާ ބަހަކުން ޑަބްކޮށްގެން ގެނެސްދޭނެ އެވެ.
"ރުޝާބާ" އަށް ޝަނާޔާ ސޮއިކުރިކަން އިއުލާންކުރީ ޖުލައި 15، 2023 ގަ އެވެ. މި ފިލްމުގެ ކުރިން އޭނަ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ ފިލްމަކަށް ވެސް 2021 ގައި ސޮއިކުރި އެވެ. އޭރު ޕޯސްޓަރުތަކެއ ވެސް ދައްކައިލި އެ ފިލްމަކީ ޝިޝާންކް ކައިތާން ޑައިރެކްޓްކުރާ ގޮތަށް އިއުލާންކުރި "ބޭދަޅަކް" އެވެ.
ނަމަވެސް ސަބަބެއް މިހާތަނަށް ހާމަނުކޮށް އެ ފިލްމުގެ މަސައްކަތް ދަރުމާ އިން ވަނީ ހުއްޓާލައިފަ އެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ޝަނާޔާ މުޅިން އެހެން ފިލްމަކަށް ސޮއިކޮށް ޝަނާޔާ އަންނަނީ މިހާރު އޭގެ މަސައްކަތް ކުރަމުންނެވެ. އެއީ އޭނަ ބޮލީވުޑަށް ތައާރަފުކުރާނެ ކަމަށް ބެލެވޭ ފިލްމު "އާނކޯ ކީ ގުސްތާކިޔާ" އެވެ. ވިކްރާންތު މަސީ ބަތަލުގެ ރޯލު ކުޅޭ އެ ފިލްމުގެ ޑައިރެކްޓަރަކީ ސަންތޯޝް ސިންގް އެވެ.
ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާން ނުކުރާ "އާނކޯ ކީ ގުސްތާކިޔާ" އަކީ މާންސީ ބަގްލާ އާއި ވަރޫން ބަގްލާގެ ފިލްމު ކުންފުނި، މިނީ ފިލްމްސް އިން އުފައްދާ އެއްޗެކެވެ. މި ފިލްމުގައި ކިޔައި ދޭނީ ލޯފަން މިއުޒިޝަނަކާއި ސްޓޭޖް ތަމްސީލުތައް ކުޅޭ ބަތަލާއަކާ ދެމެދު އުފެދޭ ގުޅުމެއްގެ ވާހަކަ އެވެ.
ޝަނާޔާ އަކީ ފިލްމީ ތަރިން ކަމަށްވާ ސޯނަމް ކަޕޫރާއި އަރުޖުން ކަޕޫރާއި ޖާންވީ ޖަޕޫރްގެ އިތުރުން ހުޝީ ކަޕޫރްގެ ކަޒިންއެކެވެ. އޭނަގެ ބައްޕަ ސަންޖޭ އަކީ ސޯނަމްގެ ބައްޕަ އަނިލް ކަޕޫރާއި އަރުޖުން އާއި ޖާންވީ އަދި ހުޝީގެ ބައްޕަ ބޯނީ ކަޕޫރްގެ ކޮއްކޮ އެވެ.