ކުރީގެ ރައީސް އަބްދުﷲ ޔާމީނަކީ ވަރަށް ހިތްވަރު ގަދަ، ގައުމަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްދެއްވި ލީޑަރެއް ކަމަށް ޔާމީންގެ ވެރިކަމުގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.
ޔާމީންގެ އާ ޕާޓީ، ޕީއެންއެފްގައި މިހާރު އިސްކޮށް އުޅުއްވާ ޖަމީލް ސޯޝަލް މީޑިއާ ޕޯސްޓެއްގައި މިއަދު ވިދާޅުވީ އަދުލުވެރި ހިތަކުން ބުނާ ނަމަ ރައީސް ޔާމީނަކީ އެ މަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރު ދުވަހުގެ ތެރޭގައި ގައުމަށް ބޮޑެތި ބަދަލުތަކެއް ގެނެސް ދެއްވި ލީޑަރެއް ކަމަށެވެ.
ނަމަވެސް ކޮންމެ މީހެއްގެ ވެސް އުނިކަންތައް ހުންނާނެ ކަމަށާއި ނިމިދިޔަ ގަސް އަހަރު ޖަލުގައި ހޭދަކޮށް ނުޙައްގުން ބޮޑެތި އަނިޔާތަކެއް ތަޙައްމަލު ކުރި ހަމައެކަނި ލީޑަރަކީ ވެސް ޔާމީން ކަމަށް ޖަމީލު ވިދާޅުވި އެވެ. އަދި މިހާރު އޮތް ސަރުކާރަކީ އެ މަނިކުފާނުގެ ޓިކެޓް ސުޕްރީމް ކޯޓުން ބާތިލު ކުރުމުން ޔާމީންގެ "ހުސް ގޮނޑި" އާއި ސަޕޯޓަރުންގެ ބުރަ މަސައްކަތުން ގެނައި ސަރުކާރެއް ކަމަށް ވިދާޅުވި އެވެ.
"މި ފަސް އަހަރު ވެސް އެ މަނިކުފާނު ބުރަކޮށް ސިޔާސީ މަސައްކަތުގައި އުޅުއްވުމުން ލިބޭ ހިތްވަރަކީ މިފަދަ ސާބިތު ލީޑަރުންގެ ސެލްފްލެސްކަން،" ޔާމީންގެ ވެރިކަމުގައި ނައިބު ރައީސްކަމުން ވަކިކުރުމުން ޔާމީންގެ ސަރުކާރާ ދެކޮޅަށް ނުކުންނަވައި ބޮޑެތި ސަރުކާރާއި ޔާމީނަށް ބޮޑެތި ތުހުމަތުތަކެއް ކުރިން ކުރެއްވި ޖަމީލު ވިދާޅުވި އެވެ. ޖެހިލުން ކުޑަކަން. ޔާމީނަކީ [މި ގައުމުން] ނުފެންނަ ވަރުގެ ސިޔާސީ ކުޅަދާނަކަން."
އޭނަ ވިދާޅުވީ ސިޔާސީ މަސައްކަތަކީ ހިތްވަރާއި، ޢަޒުމާއި، ކެތްތެރިކަމާއި ޙިކުމަތްތެރިކަމާއި އެކު ކުރެވޭ ވަރަށް ބުރަ ވަރަށް ސެލްފްލެސްކޮށް ކުރެވެންޖެހޭ މަސައްކަތެއް ކަމަށެވެ.
"މިކަމުގައި އޮޕްޗުނިސްޓުންނަކަށް ބުރަ މަސައްކަތެއް ނުކުރެވޭނެ. މިކަމުގައި ޝޯޓްކަޓެއް ނޯވޭ." ޔާމީންގެ ގާނޫނީ ޓީމުގައި މިހާރު އިސްކޮށް އުޅުއްވާ ޖަމީލު ވިދާޅުވި އެވެ.