އަކްޝޭ ކުމާރާއި ޒުވާން ބަތަލާ އަނަންޔާ ޕާންޑޭގެ އިތުރުން އާރް މާދްވަން މުހިއްމު ރޯލުތައް ކުޅެފައިވާ ފިލްމުގެ ނަމަކީ "ކޭސަރީ: ޗެޕްޓާ 2" ކަމަށް ހަމަޖައްސައިފި އެވެ.
އަންނަ މަހުގެ 14 ގައި ސިނަމާތަކަށް ގެންނަން އަމާޒު ހިފާފައިވާ މި ފިލްމަކީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނާއި އަކްޝޭގެ ފިލްމު ކުންފުނި، ކޭޕް އޮފް ގުޑް ފިލްމްސްގެ އިތުރުން ލިއޯ މީޑިއާ ކަލެކްޓިވް ގުޅިގެން ހަދާފައިވާ ޕީރިއަޑް ފިލްމެކެވެ.
"ކޭސަރީ: ޗެޕްޓާ 2" ގެ ޑައިރެކްޓަރަކީ ކަރަން ސިންގް ތިއާގީ އެެވެ.
ކުރިން "ޝަންކަރާ" ގެ ނަން ދޭން ޕްލޭންކުރި މި ފިލްމުގެ ނަމަކަށް "ކޭސަރީ: ޗެޕްޓާ 2" ހަމަޖެއްސި އިރު، އަކްޝޭ ކުރިން ވެސް "ކޭސަރީ" ކިޔާ ފިލްމެއް ކުޅެފައިވެ އެވެ. އެއީ ދަރުމާ އިން 2019 ގައި ގެނެސްދިން ހަނގުރާމަ ފިލްމެކެވެ.
ނަމަވެސް އެ ފިލްމާއި "ކޭސަރީ: ޗެޕްޓާ 2" އާ ވާހަކައިގެ ގޮތުން އެއްވެސް ގުޅުމެއް ނެތެވެ. މީގައި ކިޔައި ދޭނީ އިންޑިއާ އަށް މިނިކަންކަން ހޯދަން ކުރި މަސައްކަތުގެ ތެރޭގައި އެ ގައުމުގެ ސިކުންގެ ހައްގުގައި ހިނގައި ދިޔަ ގާނޫނީ މައްސަލަތަކެވެ. އެގޮތުން މައިގަނޑު ވާހަކަ ކޯޓްގެ ތެރޭގައި އެނބުރޭ އިރު، މީގައި އަކްޝޭ ފެންނާނީ ވަކީލު ސީ ޝަންކަރް ނާރަޔަންގެ ރޯލުންނެވެ.
"ކޭސަރީ: ޗެޕްޓާ 2" ވާނީ މި އަހަރު ރިލީޒްވާ އަކްޝޭގެ ދެވަނަ ފިލްމަށެވެ. އޭނަގެ ފުރަތަމަ ފިލްމަކީ މިދިޔަ މަހުގެ 24 ގައި ރިލީޒްކޮށް ބޮކްސް އޮފީހުގައި ބޮޑު ތަރުހީބެއް ލިބެމުން އަންނަ ވަތަނީ އެކްޝަން ފިލްމު "ސްކައި ފޯސް" އެވެ.