މީގެ ފަސް އަހަރު ކުރިން އިންޑިއާ އިން މަނާކުރި ޗައިނާގެ މަޝްހޫރު ފާސްޓް ފެޝަން އޮންލައިން ކުންފުނި 'ޝެއިން' އިންޑިއާގައި އަލުން ބޭނުން ކުރަން ފަށައިފި އެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ އެޕް އިންޑިއާގައި އަލުން ބޭނުން ކުރުމުގެ ހުއްދަ ދިނީ އެ ގައުމުގެ މަޝްހޫރު ވިޔަފާރި ކުންފުނި، ރިލައިންސް ގްޕޫރްގެ ދަށުން ހިންގަމުން އަންނަ ރިލައިންސް ރީޓެއިލާ އެކު ހެދި އެއްބަސްވުމެއްގެ ދަށުންނެވެ. މިކަން އެ ކުންފުނީގެ އޮފިޝަލަކު ކަށަވަރުކޮށް ދިން ނަމަވެސް މިކަމާ ބެހޭ ގޮތުން ރަސްމީކޮށް ކުންފުނިން ވަކި އެއްޗެއް ނުބުނެ އެވެ.
"ޝެއިން" އަށް އަލުން ހުއްދަ ދިނުމާ ގުޅޭ ގޮތުން އިންޑިއާ ސަރުކާރުން ވެސް ރަސްމީކޮށް އެއްޗެއް ނުބުނެ އެވެ.
އެ ގައުމުގައި އަލުން އެ އެޕް ބޭނުން ކުރަން ފެށީ މިދިޔަ ހުކުރު ދުވަހުގެ ރެއިން ފެށިގެންނެވެ. އޭގެ ފަހުން މިހާތަނަށް 10،000 އަށް ވުރެ ގިނަ މީހުން އެޕްް ޑައުންލޯޑްކޮށްފައިވެ އެވެ. އިންޑިއާގައި "ޝެއިން" މަނާކުރީ ޗައިނާގެ ގިނަ އެޕްތަކެއް މަނާކުރަން ނިންމި ނިންމުމުގެ ތެރޭގަ އެވެ. އެ ގޮތުން އެ ގައުމުގައި އެ އެޕް ބޭނުން ނުކުރެވޭ ގޮތް ހެދީ ޖޫން 29، 2020 ގަ އެވެ.
ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި މިހާރު ވަރަށް މަގުބޫލު "ޝެއިން" ލޯންޗްކުރީ މީގެ 16 އަހަރު ކުރިން 2008 ގަ އެވެ.