Last Updated: February 18, 21:58
Tuesday, February 18, 2025
ޚަބަރު

ޓޫރިޒަމްގެ ޕީއެސްގެ މަގާމަށް މީހަކު ހޯދަނީ

ސަރުކާރުގެ ގިނަ އޮފީސްތައް ހިންގަމުން އަންނަ ވެލާނާގެ - ފޮޓޯ: އަޝްރަފް (ފައިވްޕްރައިމް)

ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް) ގެ މަގާމަށް ބޭފުޅަކު ހޯދަން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން މިއަދު އިއުލާނުކޮށްފި އެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާއާއި މޫސުމީ ބަދަލުތަކާއި ތިމާވެށްޓާ ހަކަތައާ ބެހޭ ވުޒާރާ އެއްކޮށްލެއްވުމަށްފަހު، އެ ވުޒާރާގެ ވަޒީރުކަމަށް އައްޔަންކުރައްވާފައި ވަނީ ޠޯރިޤް އިބްރާހީމެވެ.

މި ދެ ވުޒާރާ އެއްކޮށްލެއްވީ ފަތުރުވެރިކަމާ ބެހޭ ވަޒީރަކަށް ހުންނެވި އިބްރާހިމް ފައިސަލް ވަކިކުރެއްވުމަށްފަހު އެވެ.

މި ބަދަލުތަކާ އެކު ދެ މިނިސްޓްރީގެ ޕީއެސްގެ މަގާމު ވެސް ވަނީ ގެއްލިފަ އެވެ. އަދި މިއަދު ސީއެސްސީން ވަނީ އެ މާގަމަށް ކުރިމަތިލުމަށް ހުޅުވާލާފަ އެވެ.

އެ ކޮމިޝަނުން ކުރި އިއުލާނުގައި ބުނީ ޕީއެސްގެ މަގާމަށް ޝަރުތު ހަމަވާ ބޭފުޅުން މި މަހުގެ 11 ވަނަ ދުވަހުގެ ކުރިން ސީއެސްސީއަށް ހުށަހެޅޭނެ ކަމަށެވެ.

ޕީއެސްއަކަށް މުސާރައިގެ ގޮތުގައި ކޮންމެ މަހަކު 20،500ރ. އަދި ލިވިން އެލަވަންސްގެ ގޮތުގައި މަހަކު 15،000ރ. ލިބޭނެ އެވެ.

މިނިސްޓްރީތަކުގެ ޕާމަނަންޓް ސެކްރެޓަރީންނަކީ ކޮންމެ ތަނެއްގައި ވެސް ސިވިލް ސާވިސްގެ ފަރާތުން ހުންނަ އެންމެ އިސް މުވައްޒަފެވެ.