Last Updated: February 18, 21:05
Tuesday, February 18, 2025
ޚަބަރު

ސިއްހީ ހިދުމަތް އެންމެންނަށް ހަމަހަމަކޮށް ދޭނެ: ނާޒިމު

ރާއްޖެއިން އަބަދު ވެސް މަސައްކަތްކުރާނީ ޞިއްޙީ ޚިދުމަތްތައް އެންމެންނަށް ހަމަހަމަކޮށް ފޯރުކޮށް ދޭން ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާލުވެއްޖެ އެވެ.

ސުވިޓްޒަލޭންޑުގެ ޖެނީވާގައި މިހާރު ކުރިއަށްދާ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ 156 ވަނަ އެގްޒެކެޓިވް ބޯޑުގެ މެންބަރުންގެ ބައްދަލުވުމުގައި އޭނަ ވަނީ ޞިއްޙީ ދާއިރާއިން ރާއްޖެއިން އިސްކަންދޭ ކަންކަމާ ގުޅޭ ގޮތުން އަލިއަޅުވާލައްވައިފަ އެވެ. އެގޮތުން މޫސުމާ ގުޅުން ހުރި ޞިއްޙީ ނުރައްކާތައް ޙައްލުކުރުމާއި، ޞިއްޙީ ޚިދުމަތް ހަމަހަމަ ގޮތެއްގައި ލިބޭނެކަން ކަށަވަރު ކުރުމުގައި އެއް އަމާޒަކަށް މަސައްކަތް ކުރުމަށް ވެސް ގޮވާލެއްވި އެވެ.

ނާޒިމު ވިދާޅުވީ ރާއްޖެ އިން އަބަދު ވެސް މަސައްކަތްކުރާނީ "ހެލްތު ފޯ އޯލް" މި ޝިޢާރުގެ ދަށުން ޞިއްޙީ ޚިދުމަތްތައް އެންމެނަށް ހަމަހަމަކޮށް، އެއްވެސް މީހަކު އިސްތިސްނާނުކޮށް ފޯރުކޮށް ދިނުމަށް ކަމަށެވެ. އަދި ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމަށްޓަކައި ޕްރައިމަރީ ހެލްތު ކެއާ (ޕީއެޗްސީ) ހަރުދަނާކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، ތިމާވެއްޓަށް ކުރިމަތިވެފައިވާ ނުރައްކާތައް ކުޑަކުރުމަށާއި، ޞިއްޙީ ޚިދުމަތްތައް ހަރުދަނާ ކުރުމަށްޓަކައި، ކުރިމަގުގައި ޤާއިމުކުރެވޭ ހޮސްޕިޓަލްތަކަކީ ތިމާވެށްޓާ ރައްޓެހި، ޒަމާނީ ވަސީލަތްތަކާ އެކު ޤާއިމުކުރެވޭ "ގްރީން ސްމާޓް ހޮސްޕިޓަލްތަކަކަށް" ވެގެންދާނެ އެވެ.

މީގެ އިތުރުން، ޒުވާނުން ދުންފަތުގެ އިސްތިޢުމާލުން ރައްކާތެރިކުރުމަށާއި، ގައިންގަޔަށް ނާރާ ބަލިތަކާއި އެހެނިހެން ބަލިތަކުގެ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި، ދިވެހިރާއްޖޭގައި އިލެކްޓްރޯނިކް ސިނގިރޭޓް (އީ-ސިނގިރޭޓް) ގެ ބޭނުންކުރުން މިހާރު މަނާކުރެވިފައިވާ ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.