Last Updated: February 18, 20:43
Tuesday, February 18, 2025
މުނިފޫހިފިލުވުން

'ސްޓާޑަމް' ލީޑުންނަކީ ލަކްޝް އާއި ސަހެރް

އަރިއަން، ސަހެރް އަދި ލަކްޝް.

ޝާހްރުކް ޚާންގެ ދަރިފުޅު އަރިއަން ޚާން ލިޔެ، ޑައިރެޓްކޮށް މި އަހަރު ނެޓްފްލިކްސް އިން ގެނެސްދޭން ނިންމާފައިވާ ސީރީޒްގެ ލީޑް ތަރިންނަކީ ލަކްޝް އާއި ސަހެރް ބާމްބާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މިދިޔަ އަހަރު ޝޫޓިން ނިންމާފައި އޮތް މި ސީރީޒްގެ ކާސްޓްގައި ލަކްޝަން ހިމެނޭކަން ކުރިން ވެސް އޮތީ އެނގިފަ އެވެ. އޭނަ އަކީ މިދިޔަ އަހަރު ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން ގެނެސްދިން އެކްޝަން ފިލްމު "ކިލް" އިން ތައާރަފުކުރި އެކްޓަރެވެ.

ލަކްޝް މިހާރު އަންނަނީ އެ ސްޓޫޑިއޯގެ ލޯބީގެ ފިލްމު "ޗާންދު މޭރާ ދިލް" ގެ މަސައްކަތް ކުރަމުންނެވެ.

"ސްޓާޑަމް" ގެ ލީޑް ބަތަލާ އަކީ ސަހެރްކަން ފިލްމުފެއާ އިން ރިޕޯޓްކުރީ މިއަދެވެ. އޭނަ އަކީ ސަނީ ޑިއޯލްގެ ދޮށީ ދަރިފުޅު ކަރަން ޑިއޯލް ބޮލީވުޑަށް ތައާރަފުކުރި 2019 ގެ ފިލްމު "ޕަލް ޕަލް ދިލް ކޭ ޕާސް" ގެ ބަތަލާ އެވެ. އޭގެ ފަހުން ސީރީޒް "ދި އެމްޕަޔާ" އާއި ފިލްމު "ދިލް ބޭގަރާރު" އިން ވެސް ސަހެރް ފެނިފައިވެ އެވެ.

ބޮލީވުޑްގެ ވާހަކައެއް ކިޔައިދޭނެ "ސްޓާޑަމް" ގެ ކާސްޓްގައި ބޮބީ ޑިއޯލް އާއި މޯނާ ސިންގް ވެސް ހިމެނެ އެވެ. މީގެ ހާއްސަ ފެނިލުންތަކުން ފެންނާނެ ކަމަށް ބެލެވޭ ތަރިންގެ ތެރޭގައި އަރިއަންގެ ބައްޕަ ޝާހްރުކާއި ސަލްމާން ޚާނާއި ރަންބީރް ކަޕޫރާއި ރަންވީރު ސިންގް އާއި އާލިއާ ބަޓާއި އަނަންޔާ ޕާންޑޭގެ އިތުރުން ޑައިރެކްޓަރު ކަރަން ޖޯހަރް ހިމެނެ އެވެ.

"ސްޓާޑަމް" އަކީ ޝާހްރުކްގެ ފިލްމު ކުންފުނި، ރެޑް ޗިލީސް އެންޓަޓައިންމަންޓްގެ ތައްގަނޑުގައި ގެނެސްދޭނެ އެއްޗެކެވެ. މީޑިއާތަކުން ބުނީ މީގެ ޕްރޮމޯޝަނަލް ހަރަކާތްތައް ފަށަން އަރިއަން މިހާރު ތައްޔާރުވަމުން އަންނަ ކަމަށެވެ.