* ﷲ ސުބުޙާނަހޫ ވަތަޢާލާ އާ އޮންނަ ގުޅުން ބަދަހިކުރާށެވެ. ޢަޤީދާ ހަރުދަނާކުރާށެވެ. އީމާންކަން ވަރުގަދަ ކުރާށެވެ. ހަރުދަނާ އީމާންކަން ފުނޑުފުނޑުކޮށްލެވޭ ފަދަ ހަތިޔާރެއް، ނިއުކްލިއަ ހަތިޔާރު އުފައްދާފައިވާ މި ދުނިޔޭގައި ވެސް، އުފެއްދިފައި ނުވެ އެވެ. އެ އީމާންކަމުގެ ފުރިހަމަ ލައްޒަތު ލިބިގެން އެތައްއެތައް މުސްލިމުންނެއް ވަނީ ސުވަރުގެ އިން ޖާގަ ހޯދައިފަ އެވެ.
އެއީ އިސްލާމީ ތާރީޚު ހެކިދޭ ކަމެކެވެ.
* ނަމާދު ކުރާށެވެ. ﷲ އަށް ބިރުވެތިވާނެ އެވެ. ޒަކާތްދޭށެވެ. ﷲ އަށް ބިރުވެތިވާނެ އެވެ. ރޯދަހިފާށެވެ. ﷲ އަށް ބިރުވެތިވާނެއެވެ. ކުޅަދާނަ ވެގެންވާނަމަ ގެފުޅު ޤަޞްދުކުރާށެވެ. (ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރާށެވެ). މިހިރި މިހިރަ ކަންތައްތަކަކީ ތިބާގެ ތަޤުވާވެރިކަން އިތުރުކޮށްދޭނެ ކަންތައްތަކެވެ.
* ރަޙުމަތްތެރިން ހޮވުމުގައި ވިސްނާށެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާގެ ދީނުގައި ވަރުގަދަޔަށް ހިފަހައްޓައިގެން ތިބޭ އެކުވެރިންނާއި ގުޅުން ބަދަހިކުރާށެވެ. ތިބާގެ ރަޙުމަތްތެރީންގެ ލިސްޓުން ޖާގަދޭންވީ ބަޔަކީ އެބައި މީހުންނެވެ. މިދުނިޔޭގެ އެދުންތަކުން ފޯވެފައި ތިބޭ، ގޯސް ކަންތައްތައް ކުރުމަށް ވާގިވެރިވާ ރަހުމަތްތެރިންނެއް ނޫނެވެ.
* އިލާހުގެ ޙަޟްރަތަށް ގިނަގިނައިން ކުއްތަންވާށެވެ. ފާފަފުއްސެވުން އެދި އާދޭސް ދަންނަވާށެވެ. ﷲ އީ އަޅުތަކުންގެ ފާފަފުއްސަވާ އަލްޣަފޫރެވެ. އެއީ ކޮޅުނެތްކޮޅަށް ރަޙުމަތްވަންތަ އައްރަޙީމެވެ.
ލޮބުވެތި އުޚުތެވެ. އުޚްތާ އެވެ. ތިބާގެ ޙަޔާތުގެ ކޮންމެ ދުވަހަކީ މުހިއްމު ދުވަހެކެވެ. ފާއިތުވެގެންދާ ކޮންމެ ސިކުންތަކީ ތިބާގެ އުމުރުން ކުރުވެގެންދާ ސިކުންތެކެވެ. މީހުން ކިޔާ އެއްޗަކަށް ނުބަލާށެވެ. މީހުން ތިބާޔާ މެދު ދެކެފާނެ ގޮތަކާ މެދު ލަދު ނުގަންނާށެވެ.
މީހުން ކިޔާ އެއްޗެއްސާއި ކުރާ ފުރައްސާރަޔަށް ބީރު ކަންފަތެއް ދޭށެވެ. ފަހުޒަމާނުގައި ދީނަށް އުޅޭ މީހާގެ މިޘާލަކީ އަނގުރު އަލިފާންގަނޑެއް އަތަށްލައިގެން ހުންނަ މީހެއްގެ މިޘާލުކަމަށް، ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ހަދީޘް ކުރައްވާފައިވާކަން ތިބާ އަށް އެނގޭދޯ އެވެ؟
އެހެންކަމުން ޘާބިތުކަމާ އެކު ހިފަހައްޓާލާށެވެ. މާތް ﷲ ތިބާއަށް ހެޔޮ ދަރުމަ ދެއްވާށި އެވެ. އާމީން!
މަސްދަރު: ދިސަލަފިއްޔާ