Last Updated: February 18, 21:58
Tuesday, February 18, 2025
މުނިފޫހިފިލުވުން

އަރިއަންގެ ސީރީޒްގެ ޓައިޓްލް ޓީޒާ ދައްކާލައިފި

ބޮލީވުޑްގެ ތަރި ޝާހްރުކް ޚާންގެ ދަރިފުޅު އަރިއަން ޚާން ޑައިރެކްޓްކޮށް ގެނެސްދޭން ތައްޔާރުވަމުން އަންނަ ވެބް ސީރީޒްގެ ޓައިޓްލް ޓީޒާ މިއަދު ދައްކާލައިފި އެވެ.

މި ޓީޒާ ދައްކައިލީ ނެޓްފްލިކްސް އަށް އަންނަން ހުރި ބޮލީވުޑްގެ އާ އުފެއްދުންތަކެއް އިއުލާން ކުރަން މިއަދު ކުލަގަދަ ހަފުލާގަ އެވެ. އެގޮތުން ޝާހްރުކާއި ދަރިފުޅު އަރިއަން ހިމަނައިގެން ގެނެސްދިން ޓައިޓްލް ޓީޒާގައި ބުނެފައި ވަނީ މީގެ ނަމަކީ "ދަ ބޭޑްސް އޮފް ބޮލީވުޑް" ކަމަށެވެ.

މިހާތަނަށް މީޑިއާތަކުން ބުނަމުން އައިސްފައި ވަނީ ސީރީޒްގެ ނަމަކީ "ސްޓާޑަމް" ކަމަށެވެ.

ފިލްމީ ދާއިރާގައި ހިނގާ ހާދިސާތަކެއް ދައްކުވައި ދޭނެ ސީރީޒް ލިޔެފައި ވަނީ އަރިއަން ބިލާލް ސިއްދީގީ ގުޅިގެންނެވެ. ބިލާލަކީ ޝާހްރުކްގެ ޜެޑް ޗިލީސް އެންޓައިންމަންޓުން އިމްރާން ހާޝިމީއާ އެކު 2019 ގައި ނެޓްފްލިކްސް އަށް ގެނައި "ދަ ބާޑް އޮފް ބްލަޑް" ގެ ވެސް ލިޔުންތެރިޔާ އެވެ.

އަރިއަންގެ އަލަތު ސީރީޒްގެ ޓައިޓްލް މިއަދު އިއުލާންކުރި ނަމަވެސް ނެޓްފްލިކްސް އިން މި ޕްރިމިއާކުރާނެ މީގެ ކާސްޓާ ބެހޭ އެއްވެސް މައުލޫމާތެއް އަދިވެސް ރަސްމީކޮށް ހިއްސާއެއް ނުކުރެ އެވެ. އެކަމަކު މީގެ ލީޑުން ފެންނާނީ ލަކްޝް ލަލްވާނީ އާއ ސަހެރް ބާމްބާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ލަކްޝް އަކީ މިދިޔަ އަހަރު ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން ގެނެސްދިން އެކްޝަން ފިލްމު "ކިލް" އިން ތައާރަފުކުރި އެކްޓަރެވެ. ސަހެރްކަން ފިލްމުފެއާ އިން ރިޕޯޓްކުރީ މިއަދެވެ. އޭނަ އަކީ ސަނީ ޑިއޯލްގެ ދޮށީ ދަރިފުޅު ކަރަން ޑިއޯލް ބޮލީވުޑަށް ތައާރަފުކުރި 2019 ގެ ފިލްމު "ޕަލް ޕަލް ދިލް ކޭ ޕާސް" ގެ ބަތަލާ އެވެ.

އަރިއަންގެ ސީރީޒްގެ ކާސްޓްގައި ބޮބީ ޑިއޯލް އާއި މޯނާ ސިންގް ވެސް ހިމެނޭ އެވެ. މީގެ ހާއްސަ ފެނިލުންތަކުން ފެންނާނެ ކަމަށް ބެލެވޭ ތަރިންގެ ތެރޭގައި އަރިއަންގެ ބައްޕަ ޝާހްރުކާއި ސަލްމާން ޚާނާއި ރަންބީރް ކަޕޫރާއި ރަންވީރު ސިންގް އާއި އާލިއާ ބަޓާއި އަނަންޔާ ޕާންޑޭގެ އިތުރުން ޑައިރެކްޓަރު ކަރަން ޖޯހަރް ހިމެނެ އެވެ.

"ސްޓާޑަމް" އަކީ ޝާހްރުކްގެ ފިލްމު ކުންފުނި، ރެޑް ޗިލީސް އެންޓަޓައިންމަންޓްގެ ތައްގަނޑުގައި ގެނެސްދޭނެ އެއްޗެކެވެ.