Last Updated: February 18, 21:58
Tuesday, February 18, 2025
ކުޅިވަރު

ސިޓީން ޖެނުއަރީގައި 200 މިލިއަން ޑޮލަރު ހަރަދުކޮށްފި

މެންޗެސްޓާ ސިޓީން ޖެނުއަރީ ޓްރާންސްފާ މާކެޓުގައި 200 މިލިއަން ޑޮލަރު ހަރަދުކޮށްފި އެވެ.

ޖެނުއަރީ ޓްރާންސްފާ މާކެޓް ރޭ ބަންދުވެފައިވާއިރު، ސިޓީން ވަނީ ޓީމު އިތުރަށް ވަރުގަދަ ކުރަން ފަސް ކުޅުންތެރިއަކު ގެނެސްފަ އެވެ. މި ކުޅުންތެރިން ގެންނަން ސިޓީން ވަނީ 200 މިލިއަން ޑޮލަރަށް ވުރެ ބޮޑު އަދަދެއް ހަރަދުކޮށްފަ އެވެ.

ޓްރާންސްފާ މާކެޓްގެ އެންމެ ފަހު ދުވަހު ސިޓީން ވަނީ ޕޯޓޯއަށް ކުޅެމުން އައި ސްޕެއިންގެ މިޑްފީލްޑަރު ނިކޯ ގޮންޒާލޭޒް 61.8 މިލިއަން ޑޮލަރުގެ އަގަކަށް ގެނެސްފަ އެވެ.

ޖެނުއަރީ ޓްރާންސްފާ މާކެޓުގައި ސިޓީން އެންމެ ފުރަތަމަ ގެނައީ ޒުވާން ދެ ޑިފެންޑަރުން ކަމަށްވާ، އަބްދުއްކާދިރު ހުސަނޯވް އާއި ވިޓޯ ރެއިސް އެވެ. އެ ދެ ކުޅުންތެރިން ގެންނަން ސިޓީން 77 މިލިއަން ޑޮލަރު ހަރަދުކޮށްފައިވެ އެވެ. އޭގެފަހުން ސިޓީން ވަނީ މިސްރުގެ ފޯވާޑް، އުމަރު މަރްމޫޝް 73 މިލިއަން ޑޮލަރުގެ އަގެއްގައި ގެނެސްފަ އެވެ. އަދި ސިއެރަ ލިއޯނަށް އުފަން، އުމުރުން 18 އަހަރުގެ ޖުމަ ބާގެ ސޮއި ވެސް ސިޓީން ހޯދާފައިވެ އެވެ. ސިޓީން ވަނީ އޭނާ ލޯނަކަށް ފްރާންސްގެ ލެންސްއަށް ފޮނުވާލާފަ އެވެ.

ސިޓީން ގިނަ ކުޅުންތެރިންތަކެއް ގެނެސްފައިވާއިރު، މި ޓްރާންސްފާ މާކެޓުގައި ސިޓީގެ ތަޖުރިބާކާރު ޑިފެންޑަރު ކައިލް ވޯކާ ވަނީ އެ ކްލަބު ދޫކޮށް، އިޓަލީގެ އޭސީ މިލާނަށް ބަދަލުވެފަ އެވެ.

އަނިޔާގެ ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވާ ސިޓީއަށް، ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ޕްރިމިއާ ލީގު ހޯދުމުގެ ފުރުސަތު ވަނީ ވަރަށް ބޮޑަށް ހަނިވެފަ އެވެ. އެގޮތުން ސިޓީ މިވަގުތު އޮތީ 24 މެޗުން ލިބުނު 41 ޕޮއިންޓާ އެކު ލީގުގެ ފަސްވަނައިގަ އެވެ.