ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމުގައި އަބްދުއްރަހީމް އަބްދުﷲ މާގިނަ ދުވަހަކު ނުހުންނާނެ ކަމަށް، ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު (މަޓޭ) ވިދާޅުވެއްޖެ އެވެ.
މަޓޭ މިހެން ވިދާޅުވި އިރު، ޓޫރިޒަމް މިނިސްޓަރު ކަމުގައި ހުންނެވި އަބްދުއްރަހީމްގެ ދަރިކަލުން، އިބްރާހީމް ފައިސަލް މިދިޔަ އަންގާރަ ދުވަހު މަގާމުން ވަނީ ވަކިކޮށްފަ އެވެ. އަދި އަބްދުއްރަހީމްއާ އާއިލީ ގޮތުން ގުޅުން އޮންނަ، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި، މުހައްމަދު ވަޖީހު އިބްރާހިމް މިދިޔަ އާދީއްތަ ދުވަހު ވަނީ މަގާމުން ވަކިކޮށްފަ އެވެ.
މި ދެ ބޭފުޅުން މަގާމުން ވަކި ކުރި ސަބަބެއް ސަރުކާރުން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.
ރާއްޖެޓީވީގައި ރޭ ވާހަކަދައްކަމުން މަޓޭ ވިދާޅުވީ މިއަދު ހާމަވެގެންދަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސަކީ ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅުވުމުން ބޭނުން ގޮތަަކަށް ހަދާލެވޭނެ މީހެއްކަން ކަމަށާއި، ހެޔޮ ވެރިކަމެއް ކުރުމުގެ ވިސްނުންފުޅެއް ރައީސް މުއިއްޒު މިހާރު ނުގެންގުޅުއްވާ ކަމަށެވެ. އަދި ދެވަނަ ދައުރެއްގެ ވިސްނުމެއް ވެސް ރައީސް މުއިއްޒުގެ ނެތް ކަމަށާއި އެމަނިކުފާނުގެ މިހާރު ހުރީ ދައުރު ނިމެންވާއިރަށް، ދައުލަތުން ފައިސާ ނަގައިގެން ފިލާވަޑައިގެންނެވުމުގެ ވިސްނުން ކަމަށް މަޓޭ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ވެސް ރައީސް މުއިއްޒާއި މެދު ހިތްހަމަނުޖެހޭ އެތައް މެމްބަރުންނެއް އެބަތިބި ކަމަށާއި މަޖިލިސް މިއަހަރަށް ފެށުމާއެކު އެކަން ވަރަށް ބޮޑަށް ސާފުކޮށް ފެނިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑަކަށް ޔަގީނެއް ނޫން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް، ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގައި މާގިނަ ދުވަހަކު ހުންނަވާނެ ކަމަށް. ގަބޫލުކުރެވޭ ގޮތުގައި މި ދައުރު ހުޅުވާއިރު ވެސް އެމަނިކުފާނު ނުހުންނެވުން ވަރަށް އެކަށީގެންވޭ،" މަޓޭ ވިދާޅުވި އެވެ.
މިއަހަރަށް މަޖިލިސް ހުޅުވާ ޖަލްސާ އޮންނާނީ އަންނަ ބުރާސްފަތި ދުވަހު އެވެ. އެ ޖަލްސާގައި ރައީސް މުއިއްޒު ރިޔާސީ ބަޔާން އިއްވަވާނެ އެވެ.