އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވެސްޓްހަމް ޔުނައިޓެޑް 2-1 އިން ބަލިކޮށް، ޗެލްސީ އަލުން ހަތަރުވަނަ އަށް އަރައިފި އެވެ.
މި މޮޅާއެކު ލީގުގެ ހަތަރުވަނައިގައި ޗެލްސީ އޮތީ 24 މެޗުން 43 ޕޮއިންޓާ އެކު އެވެ. ތިންވަނައިގައި 24 މެޗުން 47 ޕޮއިންޓާ އެކު ނޮޓިންހަމް ފޮރެސްޓް އޮތްއިރު، ދެވަނައިގައި 24 މެޗުން 50 ޕޮއިންޓު ހޯދައިގެން އޮތީ އާސެނަލް އެވެ. އެއްވަނައިގައި 23 މެޗުން 56 ޕޮއިންޓާއެކު އޮތީ ލިވަޕޫލް އެވެ.
ޗެލްސީގެ ދަނޑުގައި ކުޅުނު މި މެޗުގެ 42 ވަނަ މިނެޓްގައި ޖެރަޑް ބޮވެން ވަނީ ވެސްޓްހަމަށް ލީޑު ނަގައިދީފަ އެވެ. މިއީ ޗެލްސީގެ ޑިފެންޑަރު ލީވައި ކޯލްވިލް ފަހަތަށް ޖައްސާލި ބޯޅައެއް ހޯދައިގެން، ޗެލްސީގެ އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ހަމަލާއަކުން ކާމިޔާބުކުރި ގޯލެކެވެ.
ޗެލްސީން ނަތީޖާ އެއްވަރުކުރީ މެޗުގެ 64 ވަނަ މިނެޓްގަ އެވެ. މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ކުޅެން އެރި ޕެޑްރޯ ނެޓޯ އެވެ. ޗެލްސީގެ ދެވަނަ ގޯލަކީ މެޗުގެ 74 ވަނަ މިނެޓްގައި އާރޮން ވެން ބިސާކާ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. މި ގޯލަށް ފަހު ކޯލް ޕާމާ ވެސް ނުރައްކާތެރި ހަމަލާއެއް ވެސްޓްހަމްގެ ގޯލަށް ފޮނުވާލާފައިވެ އެވެ.
މެޗުގެ ފަހު ވަގުތުކޮޅުތެރޭ ނަތީޖާ އެއްވަރުކޮށްލަން ވެސްޓްހަމްގެ މުހައްމަދު ކުޑުސް އަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް، ޗެލްސީގެ އޭރިއާ ތެރޭ ހުރެ އޭނާ ފޮނުވާލި ހަމަލާ ޗެލްސީގެ ޑިފެންޑަރު ޓޮސިން ވަނީ ބްލޮކްކޮށްފަ އެވެ.
ލީގުގައި ޗެލްސީން ދެން ބައްދަލުކުރާނީ ރަށުން ބޭރުގައި ބްރައިޓަންއާ އެވެ.