ބޮލީވުޑްގެ ތަރި ސައިފް އަލީ ޚާންގެ އާ ފިލްމު "ޖުވެލް ތީފް: ދަ ހެއިސްޓް ބިގިންސް" ގެ ޓީޒާ ޓްރެއިލާ ދައްކާލައިފި އެވެ.
ނެޓްފްލިކްސް އިން ގެނެސްދޭން ހަމަޖެހިފައިވާ މި ފިލްމުގެ ޓީޒާ އާންމުކުރީ މި އަހަރުގެ ތެރޭގައި ނެޓްފްލިކްސް އިން ގެނެސްދޭން ހުރި އިންޑިއާގެ އުފެއްދުންތައް ދައްލައިކަން އިއްޔެ ހަވީރު މުމްބާއީގައި ބޭއްވި އިވެންޓްގަ އެވެ.
އެ އިވެންޓްގައި ސައިފް ވެސް ބައިވެރިވި އެވެ. މިއީ މިދިޔަ މަހުގެ ތެރޭގައި އޭނަގެ ގެއަށް ވައްކަން ކުރަން ވަން މީހަކު ވަޅިއަކުން ދިން ހަމަލާތަކަކާ ގުޅިގެން ސާޖަރީއެއް ވެސް ހެދުމަށް ފަހު، ފިލްމީ އިވެންޓެއްގައި ބައިވެރިވި ފުރަތަމަ ފަހަރެވެ.
މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ޖުވެލް ތީފް" އަކީ "ޕަތާން" އާއި "ފައިޓާ" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން ޑައިރެކްޓަރު ސިދާތު އާނަންދުގެ މާފްލިކްސް ޕިކްޗާސް އަށް ރޮބީ ގަރެވާލް ޑައިރެކްޓްކޮށްފައިވާ އެއްޗެކެވެ. އެއްކޮށްހެން ހަންގޭރީގައި ޝޫޓްކޮށްފައިވާ މި ސްޓައިލިޝް ތުރިލާގެ ކާސްޓްގައި ޖައިދީޕް އަހުލުވާތު، ނިކިތާ ދައްތާ އަދި ކުނާލް ކަޕޫރް ހިމެނެ އެވެ.
"ޖުވެލް ތީފް" ގެ ޓީޒާ ދައްކައިލި ނަމަވެސް ފިލްމު ޕްރީމިއާކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ. މީގެ ޕްރޮޑިއުސަރު ސިދާތު ޑައިރެކްޓްކުރި ދެ ފިލްމެއް ސައިފް ކުރިން ކުޅެފައިވެ އެވެ. އެއީ 2005 ގެ "ސަލާމް ނަމަސްތޭ" އާއި 2007 ގެ "ތަރަ ރަމް ޕަމް" އެވެ.
ބަތަލާ ކަރީނާ ކަޕޫރްގެ ފިރިމީހާ، ސައިފް އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރުގައި ރިލީޒްކުރި ތެލެގޫ އެކްޓަރު އެންޓީއާރް ޖޫނިއާގެ "ދޭވްރާ: ޕާޓް 1" ގެ ސަޕޯޓިން ރޯލަކުންނެވެ.