Last Updated: February 18, 20:15
Tuesday, February 18, 2025
ޚަބަރު

އެފްއޭއެމްގެ އެކްޓިން ޖެނެރެލް ސެކްރެޓަރީއަކަށް ޝުޖާއު

އައްޑޫ ސިޓީ ކައުންސިލްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ޝުޖާއު ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އެކްޓިން ޖެނެރަލް ސެކްރެޓަރީގެ މަގާމަށް އައްޔަންކޮށްފި އެވެ.

ރާއްޖޭގެ ފުޓްބޯޅައި މައި އިދާރާ އެސްޖީގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ނާހިލް އަހްމަދު ސިއްދީގު، މިދިޔަ އަންގާރަ ދުވަހު އަމިއްލައަށް އިސްތިއުފާ ދެއްވުމުންނެވެ.

އޭގެ ފަހުން ވަގުތީ ޖެނެރަލް ސެކްރެޓަރީއަކަަށް ހުންނެވީ އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީގެ މެމްބަރު އިސްމާއިލް ސިމަން އެވެ. އަދި އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީން ޝުޖާއު އެކްޓިން ޖެނެރެލް ސެކްރެޓަރީގެ މަގާމަށް އައްޔަންކުރީ އިއްޔެ އެވެ.

އައްޑޫ ކައުންސިލްގެ އެސްޖީގެ މަގާމުން އޭނަ އިސްތިއުފާ ދެއްވީ މިދިޔަ އަހަރުގެ އޮގަސްޓް މަހު އެވެ. ޝުޖާއު އެ މަގާމަށް އައްޔަން ކުރީ 2021 ގަ އެވެ. އޭނަ އަކީ ކުރިން ސަރުކާރުގެ ބައެއް ކުންފުނިތަކުގެ އިސް މަގާމުތަކެއް ވެސް ފުރުއްވި ބޭފުޅެކެވެ. އޭގެ ތެރޭގައި އެސްޓީއޯގެ ޖެނެރަލް މެނޭޖަރުގެ މަގާމާއި މޯލްޑިވް ގޭހުގެ ބޯޑު ޑިރެކްޓަރުގެ މަގާމު ހިމެނެ އެވެ.