ވަރަށް ރީތި އަދި އެހާމެ ކާމިޔާބު ލޯބީގެ ފިލްމުތަކެއް ގެނެސްދީފައިވާ ބޮލީވުޑްގެ ޑައިރެކްޓަރު ކުނާލް ކޯލީ ގިނަ ދުވަސްތަކެއް ފަހުން އަނެއްކާ ވެސް ލޯބީގެ ފިލްމެއް ބެލުންތެރިންނަށް ދޫކޮށްލަން ތައްޔާރުވެއްޖެ އެވެ.
ދެހާސް އެކާވީހުގައި މަސައްކަތް ފެށި މި ފިލްމަކީ "ބޮބީ އޯރް ރިޝީ ކީ ލަވް ސްޓޯރީ" އެވެ. އިނގިރޭސިވިލާތުގައި ޝޫޓްކޮށްފައިވާ މި ފިލްމުގެ ލީޑް ރޯލުން ފެންނާނީ ވަރުދާން ޕޫރީ އާއި ކަވޭރީ އެވެ.
ވަރުދާން އަކީ ކުރީގެ މަޝްހޫރު އެކްޓަރު އަމްރިޝް ޕޫރީގެ ކާފަދަރިއެކެވެ. އޭނަ ބޮލީވުޑަށް ތައާރަފުވީ 2021 ގެ "ޔޭ ސާލީ އާޝިގީ" އިންނެވެ. ވަރުދާން އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރުގެ ލޯބީގެ ބިރުވެރި ފިލްމު "ބްލަޑީ އިޝްގް" އިންނެވެ.
ލަވަކިޔުންތެރިއެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ކަވޭރީ އަކީ "މިސްޓަ އިންޑިއާ" އާއި "މާސޫމް" ފަދަ އައިކޮނިކް ފިލްމުތައް ގެނެސްދިން ޑައިރެކްޓަރު ޝޭކަރް ކަޕޫރްގެ ދަރިއެކެވެ.
ވަރްދާން އާއި ކަވޭރީއާ އެކު ކުނާލް ގެނެސްދޭ ރޮމޭންޓިކް ކޮމެޑީ "ބޮބީ އޯރް ރިޝީ ކީ ލަވް ސްޓޯރީ" ސިނަމާތަކަށް ގެނައުމުގެ ބަދަލުގައި ބެލުންތެރިންނަށް ދޫކޮށްލަން ހަމަޖެހިފައި ވަނީ މި މަހުގެ 11 ގައި ޑިޒްނީ ޕްލަސް ހޮޓްސްޓާއިންނެވެ. ފިލްމުގެ ޕޯސްޓަރެއް އާންމުކުރި ނަމަވެސް ޓްރެއިލާ އަދި ރިލީޒެއް ނުކުރެ އެވެ.
"ހަމް ތުމް" އާއި "ފަނާ" އަދި "މުޖްސޭ ދޯސްތީ ކަރޯގޭ" ގެ އިތުރުން "ތޭރީ މޭރީ ކަހާނީ" ގެނެސްދިން ކުނާލްގެ އެންމެ ފަހުގެ ފިލްމަކީ 2021 ގައި ޒީ5 އިން ގެނެސްދިން ސްޕައި ތުރިލާ "ލާހޯރް ކޮންފިޑެންޝަލް" އެވެ.