އިނގިރޭސިވިލާތުގެ ސްކޫލެއްގައި ދަރިވަރަކު އެހެން ދަރިވަރަކަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލައިފި އެވެ.
މީޑިއާތަކުން ބުނީ އެ ހާދިސާ ހިނގާފައި ވަނީ ޝެފީލްޑްގެ އޯލް ސެއިންޓްސް ކެތޮލިކް ހައި ސްކޫލްގައި ކަމަށެވެ. ހާވީ ވިލްގޫސް ކިޔާ 15 އަހަރުގެ ކުއްޖާ މަރާލީ ވެސް އެ އުމުރުގެ ކުއްޖެކެވެ.
ފުލުހުން އެ ކުއްޖާ ހައްޔަރުކޮށް މިހާރު އަންނަނީ މިކަން އިތުރަށް ތަހުގީގު ކުރަމުންނެވެ. ނަމަވެސް މި ހާދިސާ ހިނގަން މެދުވެރި ސަބަބެއް އަދި ސާފެއް ނުވެ އެވެ.
މީޑިއާތަކުން ބުނީ ސްކޫލްގައި ދަރިވަރަކު މަރާލާފައި މި ވަނީ ދަރިވަރުންތަކެއްގެ މެދުގައި ހަމަނުޖެހުންތަކެއް ހިންގާކަމުގެ މައުލޫމާތު އޯލް ސެއިންޓްސް ކެތޮލިކް ހައި ސްކޫލްގެ ހެޑް ޓީޗަރު ޝޯން ޕެންޑާ މިދިޔަ މަހުގެ 29 ގައި ދަރިވަރުންގެ ބެލެނިވެރިންގެ ސަމާލު ކަމަށް ވެސް ގެނެސްފައި ވަނިކޮށް ކަމަށެވެ.
މީގެ ކުރިން ވެސް އިނގިރޭސިވިލާތުުގެ އެކި ސްކޫލްތަކުގެ އެކި ހިސާބުތަކުގައި މިފަދަ މަރުގެ ހާދިސާތައް ހިނގާފައިވެ އެވެ. އެގޮތުން މިފަދަ ހާދިސާތައް އާންމުކޮށް ގުޅެނީ ނަސްލީ ތަފާތުކުރުންތަކުގެ ސަބަބުން އުފެދޭ ނަފުރަތާ އެވެ.