އައްޑޫން ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތިތަކަށް ގޯތީގެ ރަޖިސްޓަރީ ހަދައި ދޭނީ ކައުންސިލާއެކު ހަދާ އެއްބަސްވުމަކާ އެކީ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެެވެ.
އެ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ އެގޮތަށް ނިންމީ މިދިޔަ މަހުގެ 29 ގައި ކައުންސިލުން ނިންމާފައިވާ ނިންމުމަކާ ގުޅިގެން ކަމަށެވެ. އެހެންވެ ދެން ދޫކޮށްފައިވާ ގޯތިތަކަށް ގޯތީގެ ރަޖިސްޓްރީ އާއި ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ ހެދުމަށް އެދި ހުށަހަޅާ ފަރާތްތަކުން ކައުންސިލާ ދެމެދު އެއްބަސްވުމެއް އެކުލަވާލަން ޖެހޭނެ ކަމަށް ބުންޏެވެ.
ކައުންސިލުން ބުނީ އެއްބަސްވުމެއް އެކުލަވާލުމުގެ މަގުސަދަކީ، ހުރިހާ ފަރާތްތަކާ މެދު ހަމަހަމަ އުޞޫލެއްގެ ދަށުން ޢަމަލުކުރުމާ އެކު، ބިމާބެހޭ ޤާނޫނާއި އެ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުތަކާ އެއްގޮތަށް ގޯތި ލިބިފައިވާ ފަރާތްތަކުން ޢަމަލުކުރައްވަމުން ގެންދާކަން ކަށަވަރު ކުރުމުގެ ގޮތުން ކަމަށެވެ. އެގޮތުން ދިރިއުޅުމުގެ ބޭނުމަށް ދޫކޮށްފައިވާ ގޯތިތައް ސާފުކުރުމާއި ބެލެހެއްޓުމާއި، އިން ފާރު ރޭއްވެވުން ފަދަ ކަންކަން ގޯތީގެ ވެރިފަރާތުން ކުރާކަން ޔަގީންކުރަން ބޭންވުމަކީ ވެސް އެއްބަސްވުން ހަދަން ނިންމި ސަބަބެއް ކައުންސިލުން ބުންޏެވެ.
ކައުންސިލުން ބުނީ އައްޑޫގެ ހުރިހާ އަވަށަކުން ވެސް ދިރިއުޅުމަށް ދޫކޮށްފައިވާ ގިނަ ގޯތިތަކެއް ފަޅުވާން ދޫކޮށްފައި ހުރުމަކީ ކައުންސިލުން ކަންބޮޑުވާ ކަމެއް ކަމަށެވެ. އެހެންވެ ޤާނޫނާ ގަވާއިދުގެ ތެރެއިން އެ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް މިހާރު ކައުންސިލުން ނިންމާފައިވާ ނިންމުން ތަންފީޒުކުރުމުގައިވެސް މިއީ އިތުރު ހަރުފަތަކަށް ވާނެ ކަމަށް ބުންޏެވެ.
"މި ފުރުޞަތުގައި، ބިމުގެ ދަތިކަން އިންތިހާއަށް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި މިފަދައިން ބޭނުން ނުހިއްޕަވައި ދޫކޮށްލާފައިވާ ބިންތަކުގެ ބޭނުން ފުރިހަމައަށް ހިއްޕެވުމަށާއި އެ ބިންތައް ސައުފުކުރައްވައި ބެލެހެއްޓެވުމާއެކު، އެ ބިންތަކުގައި ދިރިއުޅުން އާރާސްތުކުރެއްވުމަށް ލިބިލައްވާފައިވާ ފުރުޞަތު ނަންގަވައިނުލެއްވުމަށް ކައުންސިލުން އިލްތިމާސްކުރާ ޙާލު، މިފަދައިން ބޭނުން ނުހިއްޕަވައި ދޫކޮށްލައްވާފައިވާ ގޯތިތައް ހުރުމަކީ ބޯހިޔާވަހިކަން ބޭނުންވެފައި ތިބި އެހެން ރައްޔިތުންނަށް ވެވޭ ބޭއިންސާފެއް ކަމަށް ހަނދުމަކޮށްދީ، މިފަދަ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ކައުންސިލުން ނިންމާފައިވާ ނިންމުންތައް ތަންފީޛުކުރަމުންދާނެކަމުގެ ޔަޤީންކަން އެންމެހައި އައްޑޫގެ ލޮބުވެތި ރައްޔިތުންނަށް އަރުވަން." ކައުންސިލުގެ ބަޔާނުގައި ބުންޏެވެ.
ގިނަ އަހަރުތަކެއް ފަހުން އައްޑޫން އެންމެ ފަހުން ބަންޑާފަ ގޯތި ދޫކުރީ މިދިޔަ އަހަރު އެވެ. އެގޮތުން ހަތަރު އަވަށަކުން 1،000 ގޯތި ދޫކުރި އެވެ. އެއީ ހިތަދު އާއި ފޭދު އާއި ހުޅުދޫގެ އިތުރުން މީދޫންނެވެ.