ކެންސަރު ބަލިން ރައްޔިތުން ސަލާމަތް ކުރުމަށްޓަކައި، ސަރުކާރުން ޕްރައިމަރީ ހެލްތު ކެއާ ނިޒާމުގެ ތެރެއިން ސްކްރީނިން ޕްރޮގްރާމްތައް ހިންގާނެ ހެލްތު މިނިސްޓަރު އަބުދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެ ވެ.
މިއަދު ފާހަގަކުރާ ކެންސަރު ދުވަހާ ގުޅިގެން މިނިސްޓަރު ކުރެއްވި ޕޯސްޓެއްގައި ވަނީ ކެންސަރު ދުވަހު، ކެންސަރާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި މުހިންމު ދައުރެއް އަދާކުރާ ހުރިހާ ފަރާތްތަކަށް ޚާއްޞަ ޝުކުރެއް ދަންނަވައުފައެވެ. މީގެ ތެރޭގައި އެ ބަލި ތަޙައްމަލު ކުރަމުންދާ ފަރާތްތަކާއި، އެ ފަރާތްތަކުގެ ޢާއިލާތަކާއި، އެހީތެރިންނާއި އަދި ޞިއްޙީ ދާއިރާގެ ފަންނީ މާހިރުން ގެ މަސައްކަތް ފާހަގަކުރެއްވި އެވެ.
ނާޒިމް ވަނީ ދުޅަހެޔޮ ދިރިއުޅުމުގެ އާދަތައް އަށަގެންނެވުމާއެކު، ގަވާއިދުން ސްކްރީނިންގ ޓެސްޓުތައް ހެދުމަކީ ކެންސަރު ބަލީގެ ނުރައްކާ ކުޑަކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެއް ކަން ފާހަގަކުރައްވައިފަ އެވެ.
އެގޮތުން ކޮންމެ އަހަރެއްގެ ފެބުރުއަރީ މަހުގެ 4 ވަނަ ދުވަހަކީ ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހެވެ. މި އަހަރު ދުނިޔޭގެ ކެންސަރު ދުވަހަށް ކަނޑައަޅާފައިވާ ޝިޢާރަކީ “United by unique” އެވެ.
މި ދުވަސް ފާހަގަކުރުމުގައި އެންމެ އިސްކަމެއް ދެވެނީ މި ބައްޔާ މެދު މީހުންގެ ހޭލުންތެރިކަން އިތުރުކޮށް ބަލިން ރައްކާތެރިވެ ތިބުމަށް ކުރެވިދާނެ ކަންކަމާއި ބަލިޖެހުމުން ފަރުވާ ހޯދާނެގޮތާ މެދު މަޢުލޫމާތު ފޯރުކޮށް ދިނުމަށެވެ.