ބޮލީވުޑްގެ ތަރި އަލީ ޚާންގެ ދޮށީ ފިރިހެން ދަރިފުޅު އިބްރާހީމް އަލީ ޚާން (އިގީ) ބޮލީވުޑަށް ތައާރަފުކުރާ ފިލްމު "ނާދާނިޔާ" އިން ލަވައެއް ދައްކާލައިފި އެވެ.
"އިޝްގް މޭ" ގެ ނަން ދީފައިވާ މި ލަވަ އާންމުކުރީ މުމްބާއީގައި ނެޓްފްލިކްސް އިން އިއްޔެ ބޭއްވި ފިލްމީ އިވެންޓްގަ އެވެ.
މި ލަވައިން އިގީ އާއި ފިލްމުގެ ބަތަލާ ހުޝީ ކަޕޫރްގެ ކެމިސްޓްރީ ވެސް ވަރަށް ބޮޑަށް ފެނިގެންދާ އިރު، މި ލަވަ ވަރަށް ހިތްގައިމު ބުނެ ކަމަށް އިގީގެ ދޮންމަންމަ، ބަތަލާ ކަރީނާ ކަޕޫރާއި ހުޝީގެ ދައްތަ ޖާންވީ ކަޕޫރްގެ އިތުރުން އިގީގެ ދައްތަ ސާރާ އަލީ ޚާން ވެސް އިންސްޓަގްރާމް ސްޓޯރީގައި ޕޯސްޓެއްކޮށް، ޒުވާން ދެ ފަންނާނުންނަށް ހިތްވަރު ދީފައިވެ އެވެ.
"އިޝްގް މޭ" މި ލަވަ ކިޔާފައި ވަނީ ސަޗެތު ޓަންޑަނާއި އަސީސް ކޯރް އެވެ. ލަވައިގެ މިއުޒިކް ހަދާފައި ވަނީ ސަޖިން-ޖިގަރް އެެވެ.
ނެޓްފްލިކްސް އިން ގެނެސްދޭން ހަމަޖެހިފައިވާ "ނާދާނިޔާ" އަކީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ ވެބް ކޮންޓެންޓް ގޮފި، ދަރުމަޓިކް އެންޓަޓައިންމަންޓަށް އާ ޑައިރެކްޓަރު ޝައުނާ ގޯތަމް ހަދާފައިވާ ރޮމޭންޓިކް ކޮމެޑީއެވެ. މި ފިލްމުން އިގީ ތައާރަފުކުރާ އިރު، މިއީ ހުޝީގެ ތިން ވަނަ ފިލްމެވެ.
ކުރީގެ ބަތަލާ ސްރީދޭވީގެ ހަގު ދަރިފުޅުގެ ފުރަތަމަ ފިލްމަކީ 2023 ގެ "ދި އާޗީސް" އެވެ. އަންނަ ހުކުރު ދުވަހު ހުޝީގެ ދެވަނަ ފިލްމު "ލަވްޔާޕާ" ސިނަމާތަކަށް އަންނާނެ އެވެ. އޭގެ ބަތަލަކީ އާމިރު ޚާންގެ ދަރިފުޅު ޖުނައިދު ޚާނެވެ. "ލަވްޔާޕާ" އަކީ ޖުނައިދުގެ ދެވަނަ ފިލްމެވެ.