މިދިޔަ އަހަރު އައްޑޫގައި 277 އެކްސިޑެންޑު ހިނގާފައިވާ ކަމަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ބުނެފި އެވެ.
އެ ހޮސްޕިޓަލުން މިއަދު އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރު އައްޑޫގައި އެންމެ ގިނައިން އެކްސިޑެންޓުތައް ހިނގާފައިވަނީ އޭޕްރީލްގަ އެވެ. އެ މަހު ވަނީ 28 އެކްސިޑެންޓް ހިނގާފަ އެވެ.
މިދިޔަ އަހަރުގެ އެހެން މަސްތަކުގައި އައްޑޫގައި 27-19 އާ ދެމެދުގެ އަދަދަކަށް އެކްސިޑެންޓްތައް ހިނގާފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.
މީގެއިތުރުން ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ޖެނުއަރީ މަހު އައްޑޫގައި 27 އެކްސިޑެންޓެއް ވަނީ ހިނގާފަ އެވެ.
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ވަނީ މަގުމަތީގައި ދުއްވާއިރު އަމިއްލަ ރައްކާތެރިކަމަށާއި ވަށައިގެންވާ މީހުންގެ ރައްކާތެރިކަމަށް ސަމާލުކަން ދޭން އިލްތިމާސްކޮށްފަ އެވެ. އަދި މަގުމަތީގެ ގަވާއިދުތަކަށް ރައްކާތެރިވުމަށް ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.