"ވިޒިޓް މޯލްޑިވްސް ވީކް" ގްލޯބަލް ރޯޑްޝޯ ސީރީޒްގެ ފުރަތަމަ އިވެންޓް ރަޝިއާގައި ފަށައިފި އެވެ.
މި ރޯޑްޝޯގައި ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ހިމެނޭ 21 ކުންފުންޏަކުން 15 މަންދޫބުން ބައިވެރިވެ އެވެ. ހަފުތާއެއްގެ މުއްދަތަށް ކުރިއަށް ގެންދާ ރޯޑްޝޯގެގައި ރަޝީއާގެ ބޮޑު ތިން ސިޓީއެއްގައި ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިފައިވެ އެވެ.
އެގޮތުން މިމަހުގެ 3 ވަނަ ދުވަހު ރޯޑްޝޯ ބޭއްވީ ސެއިންޓް ޕީޓާސްބާގްގަ އެވެ. މިއަދު މޮސްކޯގައި އަދި އަންނަ ހުކުރު ދުވަހު ޓިއުމިންގައި ރޯޑްޝޯ ކުރިއަށް ދާނެ ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.
"ވިޒިޓް މޯލްޑިވްސް ވީކް" ރޯޑްޝޯ އަކީ އެމްއެމްޕީއާރުސީން މުޅި އަހަރަށް ބަހާލައިގެން ދުނިޔޭގެ ބޮޑެތި އަދި ކުރިއަރަމުން އަންނަ ޓޫރިޒަމް ގެ މާކެޓްތަކަށް ހާއްސަކޮށްގެން ބާއްވާ ޕްރޮމޯޝަނަލް ކެމްޕޭނެކެވެ.
ރަޝިއާ އަކީ މިހާރު ރާއްޖެ އަށް ދެވަނަ އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމެވެ. އެ ގައުމުން މި އަހަރުގެ މިހާތަނަށް 24،000 އަށް ވުރެ ޓޫރިސްޓުން އައިސްފައިވެ އެވެ.
ރަޝިއާގައި މިހާރު ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރަމުން އަންނަ އިރު ދާދި ފަހުން ވަނީ އިންޑިއާގައި ވެސް ހަރަކާތްތަކެއް ހިންގައިފަ އެވެ.