ވޭޕް ބޭނުންކޮށްގެން މިދިޔަ މަހުގެ ތެރޭގައި 11 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ މިދިޔަ މިދިޔަ ނިޔަލަށް ވޭޕް ބޭނުން ކުރުމުގެ 14 މައްސަލައެއްގައި 11 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށެވެ.
މިދިޔަ ޑިސެމްބަރު 15 އިން ފެށިގެން ރާއްޖޭގައި ވޭޕް ބޭނުން ކުރުން މަނާ ކޮށްފައިވާ އިރު، އެ މަހުގެ ތެރޭގައި ވޭޕްގެ 20 މައްސަލައެއްގައި 17 މީހަކު ޖޫރިމަނާކޮށްފައިވެ އެވެ.
ވޭޕް ބޭނުން ކުރުމުން ނުވަތަ އޭގެ ވިޔަފާރި ކުރުމުން ކުރާ ޖޫރިމަނާގެ ތަފުސީލު ފުލުހުން ފޮނުވަނީ މެސެޖެއގެ ގޮތުގައި އެ މީހެއްގެ ފޯނަށެވެ. އަދި ވާރުޕޭ މެދުވެރިކޮށް ޖޫރިމަނާގެ ފައިސާ ދެއްކޭނެ އެވެ.
ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް މަޖިލީހުން ގެނައި އިސްލާހާއެކު ހިލޭ ވޭޕެއް މީހަކަށް ދިނަސް 10،000ރ. ގެ ޖޫރިމަނާއެއް އަދި ބޭނުންކުރާ ކޮންމެ މީހަކު 5،000ރ. ގެ ޖޫރިމަނާ ކުރާނެ އެވެ.
މީގެއިތުރުން ވޭޕް ވިއްކައިފި ނަމަ 20،000ރ. އިން ޖޫރިމަނާ ކުރުމާއެކު، ވިއްކި ކޮންމެ ވޭޕަކަށް 10،000ރ. ގެ ޖޫރިމަނާއެއް އަންނާނެ އެވެ.
މިދިޔަ ނޮވެމްބަރު 15، އިން ފެށިގެން, ވޭޕް ކުރުމަށް ބޭނުން ކުރާ އާލާތްތަކާއި އެ އެތަކެތި ބޭނުން ކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް އެތެރެކޮށްފި ނަމަ، 50،000ރ. އިން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި އިރު، އެތެރެކުރި ކޮންމެ އީ-ސިނގިރޭޓް ނުވަތަ ވޭޕް ކުރުމަށް ބޭނުން ކުރާ އާލާތަކަށް 10،000ރ. ގެ މަގުން ޖޫރިމަނާ ކުރާނެ އެވެ.