Last Updated: February 18, 21:05
Tuesday, February 18, 2025
މުނިފޫހިފިލުވުން

ސުނިލް އާއި މަހީމާ ދެމަފިރިންގެ ރޯލަށް

ސައިފް އަލީ ޚާންގެ ދަރިފުޅު އިބްރާހީމް އަލީ ޚާން (އިގީ) ގެ ފުރަތަމަ ފިލްމު "ނާދާނިޔާން" އިން ފެންނާނެ އިތުރު ކާސްޓުންތަކެއް އިއުލާންކޮށްފި އެވެ.

ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ ވެބް ކޮންޓެންޓް ގޮފި، ދަރުމެޓިކް އެންޓަޓައިމަންޓާއި ނެޓްފްލިކްސް ގުޅިގެން ގެނެސްދޭން ތައްޔާރުވަމުން އަންނަ މި ރޮމޭންޓިކް ކޮމެޑީގެ ކާސްޓްގައި ސުނިލް ޝެޓީ އާއި މަހީމާ ޗައުދަރީ އާއި ދިއާ މިރްޒާގެ އިތުރުން ޖުގާލް ހަންސްރާޖް ހިމެނެ އެވެ.

އާ ޑައިރެކްޓަރު ޝައުނާ ގޯތަމް ޑައިރެކްޓްކޮށްފައިވާ "ނާދާނިޔާން" ގައި ދިއާ އާއި ޖުގާލް ކުޅެފައި ވަނީ އިގީގެ މައިންބަފައިންގެ ރޯލެވެ.

ސުނިލް އާއި މަހީމާ ކުޅެފައި ވަނީ ބަތަލާ ހުޝީ ކަޕޫރްގެ މައިންބަފައިންގެ ރޯލެވެ.

މިހާރު ވަރަށް މަދުން ނޫނީ ފިލްމުތަކުން ނުފެންނަ މަހީމާ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ މަހު ރިލީޒްކުރި ކަންގަނާ ރަނާވަތުގެ "އިމަޖެންސީ" އިންނެވެ.

ބެލުންތެރިންގެ ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދި ފިލްމުތައް ކަމަށްވާ "ދިލް ކިޔާ ކަރޭ" އާއި "ދަޅްކަން" ފަދަ ފިލްމުތައް ކުޅުނު މަހީމާ "އިމަޖެންސީ" ގައި ކުޅުނީ އުމުރުން ވަރަށް ދުވަސްވީ މީހެއްގެ ރޯލެވެ. ނަމަވެސް "ދަޅްކަން" އިން އެކީގައި ފެނިގެން ގޮސްފައިވާ މަހީމާ އާއި ސުނިލް "ނާދާނިޔާން" ގައި ފެންނަނީ ޒަމާނީ މަންމައަކާއި ބައްޕަގެ ރޯލުންނެވެ.

"ނާދާނިޔާން" ނެޓްފްލިކްސް އިން ސްޓްރީމްކުރާނެ އިރެއް އަދި އިއުލާންކޮށްފައި ނުވާ އިރު، ފިލްމުފެ ޓްރެއިލާ ވެސް އަދި އާންމެއް ނުކުރެ އެވެ. އެކަމަކު ފިލްމުގެ ލަވައެެއް ކަމަށްވާ "އިޝްގް މޭ" ވަނީ ބެލުންތެރިންނަށް ދޫކޮށްލައިފަ އެވެ.