Last Updated: February 18, 21:05
Tuesday, February 18, 2025
ޚަބަރު

ޑްރަގް ފަރުވާ އަށް ނުދެއްވި 100 މީހަކު

މި ސަރުކާރު އައި ފަހުން ޑްރަގް ފަރުވާ އަށް ހުކުމްކޮށްފައި ތިބި މީހުންގެ ތެރެއިން އަދިވެސް 100 އެއްހާ މީހުން ފަރުވާ އަށް ނުވެއްދި އެބަތިބި ކަމަށް ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން ބުނެފި އެވެ.

އެތަނުގެ ޗެއާޕާސަން ލުބްނާ މުޙައްމަދު ޒާހިރު ހުސައިން ވިދާޅުވީ މޮ ސަރުކާރު އައި އިރު 700 އަށް ވުރެ ގިނަ މީހުން ފަރުވާއަށް ހުކުމްކޮށްފައި ތިބި ކަމަށެެވެ. ނަމަވެސް އެ އަދަދު މިހާރު 150 އަށް ދަށްވެއްޖެ ކަމަށް ވިދާޅުވި އެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމްގައި ލުބްރާ ރޭ ވިދާޅުވީ ފަރުވާއަށް ނުވެއްދި މިހާރު ބާކީ ތިބީ 100 އެއްހާ މީހުން ފަރުވާގެ ތެރެއަށް ވެއްދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"ކޯޓުން ހަމަ ކޮންމެ ދުވަހަކު ވެސް ވަރަށް ގިނަ މީހުންގެ މައްޗަށް ހުކުމް ކުރަމުން ދާނީ. ހުކުމް ކުރާ ވަރަށް އަދި އެންޑީއޭގެ ފަރުވާގެ ނިޒާމު ފޯރުކޮށްދޭ ސެންޓަރުތައް އެހާ ބޮޑެއް ނޫން،" އޭނަ ވިދާޅުވި އެވެ. "އެހެން ނަމަވެސް ހުކުމް ކުރާ ސްޕީޑްގައި އަޅުގަނޑުމެންނަށް މީހުން ފަރުވާއަށް ނުވެއްދުނު ނަމަވެސް ހަމަ ވަރަށް އަވަސް އަވަހަށް ފަރުވާ އަށް މީހުން ވެއްދޭތޯ އަޅުގަނޑުމެ ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން މި ދަނީ."

ލުބްނާ ވިދާޅުވީ ފަރުވާއަށް މީހުން ވެއްދުމުގެ މަސައްކަތް އަވަސްކުރުމަށްޓަކައި އެންޑީއޭގެ ބޯޑުން ޚާއްސަ ޓާސްކް ފޯހެއް ވެސް އުފައްދަވާފައިވާ ކަމަށެވެ. އެހެންވެ އެ މަސައްކަތްތައް ދެން ކުރިއަށް ގެންދާނީ އެ ޓާސްކް ފޯހުން ކަމަށް ވިދާޅުވި އެވެ.

ލުބްނާ ވިދާޅުވި ގޮތުގައި ރިމާންޑް މަސްތުވާތަކެތި ބޭނުން ކުރާ 100 އަށްވުރެ ގިނަ މީހުން މިހާތަނަށް ފަރުވާގެ ނިޒާމުގެ ތެރެއަށް ވައްދާފައިވާ ކަމަށެވެ.

"މި ހުރިހާ މީހުންނަކީ މާލޭގެ މަގުތަކުން އަދި ގޭގެއިންނާއި އެހެން ރަށްރަށުން ނަގާފަ ތިބި މީހުން. ކުރިން ގްރޭޓަ މާލެ އޭރިއާ އަށް ފޯކަސްކުރި ނަމަވެސް މިހާރު އަޅުގަނޑުމެން ރާއްޖޭގެ އެހެން ރަށްރަށުގައި ވެސް ތިބި މީހުން އެބަ ނަގަން،" އޭނަ ވިދާޅުވި އެވެ. "ރިމާންޑަށް ނެގީމަ އޯވަޑޯޒްވާ އަދަދު އެބަ މަދުކުރެވޭ."

މަސްތުވާތަކެތި ބޭނުންކުރާ މީހުން ފަރުވާގެ ނިޒާމަށް ވެއްދުމަށް ޚާއްސަ އޮޕަރޭޝަނެއް އެންޑީއޭ އާއި ފުލުހުން ގުޅިގެން ފެށީ މިދިޔަ އޮކްޓޯބަރު 22 ގަ އެވެ.

މި އޮޕަރޭޝަންގެ ދަށުން މަގުމަތީގައި ސަލާން ޖަހަން އުޅޭ މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި ވައްކަމާއި ފޭރުމުގައި ހަރަކާތްތެރިވާ މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި މަގުމަތީ މަސްތުގެ ހާލަތުގައި އުޅޭ މީހުންގެ އިތުރުން މިސްކިތްތަކުގައި ނިދާ މަގުމަތިވެފައިވާ މީހުން ފަރުވާ ނިޒާމަށް ގެނެސް، އެ މީހުންނަށް ބޭނުންވާ ފަރުވާ ދޭނެ އެވެ.

ރާއްޖޭގައި ޑްރަގް އޮފެންޑަ ރިމާންޑް ސެންޓަރު ނުވަތަ މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދޭ ސެންޓަރުތައް ހުންނަނީ ކ. ހިންމަފުއްޓާއި ހުޅުމާލޭ ގައެވެ.