މާލޭގެ ކެފޭއަކުން ކެއުމަށް ފަހު ބިލު ނުދެއްކި މައްސަލައެއްގައި މީހަކު 10 ދުވަހަށް ބަންދު ކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
އިއްޔެ އެ އަމުރު ނެރެފައި ވަނީ 23 އަހަރުގެ ދިވެހި ފިރިހެނެއްގެ މައްޗަށވެ. އޭނަގެ މައްޗަށް ކުރަނީ ހުއްދަ ނޫން ޚިދުމަތެއް ހޯދުމުގެ ތުހުމަތެވެ.
ޒުވާނާގެ ބަންދު އަމުރުގައިވާ ގޮތުން އޭނަ ކެފޭއިން ކެއި ކަމަށް ކޯޓުގައި އޭނާ އެއްބަސްވިއެވެ. އަދި ކެއުމަށް ފަހު، ބިލު ދެއްކުމަށް ބޭބެ އަށް ގުޅި ކަމަށާއި ފަހުން ބޭބެގެ ފޯނު އޮތީ ނިވާފައި ކަމަށް ބުންޏެވެ. އެކަމަކު ބިލަށްވާ ފައިސާ ފަހުން ފޮނުވި ކަމަށް ބުނެފައިވާ ކަމަށް ކޯޓު އަމުރުގައިވެ އެވެ.
ނަމަވެސް ބިލަށް ފައިސާ ދައްކާފައި ނުވާ ކަމަށާއި ޒުވާނާ އަކީ އެފަދަ އަމަލުތައް ތަކުރާރުކޮށް ކުރަމުންދާ މީހެއް ކަމަށް އާއިލާގެ ފަރާތުން ހިއްސާކޮށްފައިވާކަން އިންވެސްޓިގޭޓިވް އޮފިސަރު (އައިއޯ) ފާހަގަކުރި ކަމަށް ވެސް ކޯޓު އަމުރުގައިވެއެވެ.
ޒުވާނާ އަކީ ކުރިން ވެސް ބަންދު ރެކޯޑު އޮތް މީހެކެވެ.
އޭނަގެ ބަންދަށް 10 ދުވަސް ޖަޖަހާފައިވާ އިރު ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ކަމަށް ބުނެފައި ވަނީ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގައި ބަޔާންކުރާ ކަންކަން ފުރިހަމަކަމަށް ބެލެވޭތީ އާއި އެ މައްސަލައިގައި އޭނާގެ މައްޗަށް ތުހުމަތުކޮށްފައިވާ ކުށް ކުރިކަމަށް ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެއްކާއި ގަރީނާ ހުށަހަޅާފައިވުން ކަމަށެވެ.