މާލޭގައި ސްޕާތައް ހިންގުމާ ގުޅޭ ގޮތުން ގޮތެއް ނިންމުމަށް އިކޮނޮމިކް މިނިސްޓްރީން އެދިފައިވާތީ އެކަމާ ގުޅޭ ގޮތުން ކައުންސިލްގެ މިއަދުގެ ބައްދަލުމުގައި މަޝްވަރާކޮށްފި އެެވެ.
އެ ޖަލްސާގައި މޭޔަރު އާދަމް އާޒިމް ވިދާޅުވީ ސްޕާތައް ހިންގުމުގެ ހުއްދަ ދިނުމާއި ޅޭ ގޮތުން ކައުންސިލުން ގޮތެއް ނިންމަން ގިނަ އަދަދެއްގެ ވިޔަފާރިވެރިން ވެސް އެދެމުންދާ ކަމަށެވެ. އޭނަ ވިދާޅުވީ ގާނޫނު ބުނާ ގޮތުން މާލޭގައި ސްޕާ ހިންގުމުގެ ހުއްދަ ދޭން ޖެހޭނީ ކައުންސިލުން ކަމަށެވެ. އަދި އިތުރު ހުއްދަތައް އެހެން އިދާރާތަކަށް ދެވޭނީ ކައުންސިލުން ހުއްދަ ދިނުމުން ކަމަށް ވިދާޅުވި އެވެ.
މާލޭގައި ސްޕާތައް ހިންގުމާ ގުޅޭ ގޮތުން ކައުންސިލްގެ ކޮމިޓީގެ ނިންމުން ކައުންސިލްގެ ރަސްމީ ޖަލްސާއަށް އަންނަ ހަފުތާގައި ހުށަހެޅުމަށް ވެސް މޭޔަރު މިއަދު އެދިވަޑައިގެންފައިވެ އެވެ. އަދި އެ މައްސަލަ އަންނަ ހަފުތާގެ ޖަލްސާއަށް އެޖެންޑާ ކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.
މާލޭގައި މިހާރު ވެސް ގަވާއިދާ ހިލާފަށް ސްޕާތައް ހިންގަމުންދާ އިރު، އެފަދަ ތަންތަނުގައި ހަށިވިއްކުން ފަދަ ވިޔަފާރިކުރަމުން ދެ އެވެ. އަދި މިފަދަ މައްސަލަތަކުގައި މިހާތަނަށް އެކި ފަހަރު މަތިން ބިދޭސީންނާއި ދިވެހިން ވެސް ހައްޔަރުކޮށްފައިވެ އެވެ.
އިމިގްރޭޝަނުން މިހާރު ކުރިއަށް ގެންދާ އޮޕަރޭޝަންތަކުގައި ވެސް ސްޕާއިތަކާއި ސެލޫންތަކުގެ ނަމުގައި ހިންގާ ތަންތަނުގައި ފުޅާ ދާއިރާއެއގައި ހަށިވިއްކާ މީހުން ފާހަގަވެ، އެފަދަ އެތައް ބަޔަކު އަތުލައިގެންފައިވެ އެވެ.