އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ބައިނަލްއަގުވާމީ ގާނޫނާ ހިލާފު ނުވެވޭނެ ކަމަށް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
މައުމޫން މިހެން ވިދާޅުވީ ފަލަސްތީނުގެ ގާޒާ އިން އެ ގައުމުގެ ރައްޔިތުން ބޭރުކުރަން ބޭނުންވާ ކަމަށް ޓްރަމްޕް ވިދާޅުވުމާ ގުޅިގެންނެވެ.
އެ ވާހަކަތަކާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މައުމޫން ވިދާޅުވީ އެމެރިކާއިން ގާޒާ އަތުލައި އެ ތަނުގައި ރީތި ހިތްގައިމު ރިވިއެރާއެއް ހަދާނެ ކަމާއި އަދި ގާޒާގައި މިހާރު ދިރިއުޅޭ މީހުން އެހެން ތަނަކަށް ބަދަލުކުރާނެ ކަމަށް ޓްރަމްޕް ވިދާޅުވެފައިވާ ކަމަށެވެ.
"ކިތަންމެ ބާރުގަދަ މީހަކަށް ވެސް ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފަށް މިފަދަ ކަމެއް ކުރެވިގެނެއް ނުވާނެ،" މައުމޫން ވިދާޅުވި އެވެ.
ޓްރަމްޕް ވިދާޅުވަނީ އެމެރިކާއިން ޣައްޒާ އަތުލައި އެތާނގައި ރީތި ހިތްގައިމު ރިވިއެރާ އެއް ހަދާނެކަމަށް. އަދިޣައްޒާގައި މިހާރުދިރިއުޅޭމީހުންއެހެންތާކަށް ބަދަލުކުރާނެކަމަށް. ކިތަންމެ ބާރުގަދަ މީހަކަށްވެސް ބައިނަލްއަޤްވާމީޤާނޫނާ ޚިލާފަށްމިފަދަކަމެއް ކުރެވިގެނެއްނުވާނެ
— Maumoon Abdul Gayoom (@maumoonagayoom) February 5, 2025
މިހާރު އެމެރިކާ އަށް ވަޑައިގެން އުޅުއްވާ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރަމްޕް ވިދާޅުވީ އިޒްރޭލުން ހިންގި ގަތުންއާންމުގެ ސަބަބުން ސުންނާފަތިވެފައިވާ ގާޒާގެ ބާރުވެރިކަން އެމެރިކާއަށް ނަގައި، އެތަނުން ފަލަސްޠީނު ރައްޔިތުން ބޭރުކުރަން ބޭނުންވާ ކަމަށެވެ. އަދި އެމެރިކާގެ ބާރުގެ ދަށުން ބިނާކުރާ ގާޒާގައި އޭގެފަހުން އުޅޭނީ "ދުނިޔޭގެ މީހުން" ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިސްރާއީލުން 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ގާޒާގައި ހިންގަމުން އައި ގަތުލްއާންމު މިހާރު އޮތީ މެދުކަނޑާލާފަ އެވެ. އެ ގަތުލްއާންމުގައި މިހާތަނަށް 61،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ.